ހަބަރު

އިމްރާން ބައިވެރިކޮށްގެން ސަރުކާރާ އެކު މަޝްވަރާ ކުރަން އަދާލަތުން އެއްބަސްވެއްޖެ

May 20, 2015

ފުލުހުންގެ ބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ބައިވެރިކޮށްގެން ސަރުކާރާ އެކު މަޝްވަރާ ކުރަން އެ ޕާޓީން އެއްބަސްވެއްޖެ އެވެ.

އިމްރާން ހައްޔަރުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެންނެވެ. އެ މައްސަލައިގައި އިމްރާންގެ ބަންދުގެ މުއްދަތު ދެފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްދީފައިވާއިރު އެ މައްސަލައިގައި އިމްރާންގެ މައްޗަށް ދައުވާކުރަން ފުލުހުން މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ސަރުކާރާ އެކު މަޝްވަރާ ކުރަން އިދިކޮޅު ޕާޓީތަކަށް ސަރުކާރުން ދިން ދައުވަތު ގަބޫލުކުރިކަން އިއުލާންކޮށް، އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ޕާޓީގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވާނީ އިމްރާނާއި އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިނާއި އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިޔާދު ހަމީދާއި އެ ޕާޓީގެ ކައުންސިލް މެމްބަރު ޝައިހް މުހައްމަދު ދީދީ އަދި ޝިދާތާ ޝަރީފް ކަމަށެވެ.

މީގެ އިތުރުން އެ މަޝްވަރާތަކުގައި އެ ޕާޓީ އާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާ އެކު އެއް މޭޒެއްގެ ދޮށުގައި ތިބެގެން ސަރުކާރުން މަޝްވަރާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ސަރުކާރާ އެކު މަޝްވަރާ ކުރަން ދިން ދައުވަތު އަދާލަތު ޕާޓީ އާއި ޖޭޕީން ގަބޫލުކޮށްފައިވާއިރު އެމްޑީޕީން އެކަމުގައި ވަކި ގޮތެއް ނުނިންމަ އެވެ.