ވިޔަފާރި

އީވޯ ސޮލިއުޝަންސް: ބޭނުންވާ ހައްލު ގެނެސްދޭ ފިހާރަ!

May 21, 2015

އީވޯ އާއިލާގެ އެންމެ ފުރަތަމަ މެންބަރަކީ "އީވޯ ހޯމް" އެވެ. އޭގެ ފަހުން "އީވޯ ފްލޯރިން" އެވެ. މި ދެ ފިހާރައަކީ ވެސް ކަސްޓަމަރުންގެ ހިޓެކެވެ. މިއާއެކު މި ފަހަރު އަނެއްކާ ވެސް ތަފާތު ފިހާރަ އެކެވެ. އެއީ "އީވޯ ސޮލިއުޝަންސް" އެވެ. މި ފިހާރާގައި އައުޓްޑޯ ފަރުނީޗަރާއި ފާހާނާގެ ސާމާނު އަދި ބަދިގެ އަށް ބޭނުންވާ ސާމާނު ނަން ހުސްކޮށް ލިބެން ހުރެ އެވެ. މި ފިހާރަ ހުޅުވުމާއެކު "އީވޯ" ގެ ފުރާޅުގެ ދަށުން ހުރިހާ ހިދުމަތެއް މިހާރު ލިބޭނެ އެވެ.

" މިތަނުގައި މި ހުރީ ޔޫރަޕްގެ މަޝްހޫރު ބްރޭންޑްތައް. ޖަރުމަނުގެ ނަން ހިންގާ ގިނަ ޕްރޮޑްކްޓްތަކެއް މިތަނުގައި ހުންނާނެ. ކުރިއަށް އޮތްތަނުގައި ވެސް އާ ޕްރޮޑަކްޓްތައް ލިބޭނެ،" އީވޯ ސޮލިއުޝަންސްގެ ބިޒްނަސް ޑިވްލޮޕްމެންޓް މެނޭޖަރު ޑެނިޖެލާ ޓޯޑްޒް ވިދާޅުވި އެވެ.

އޯކިޑް މަގު، މ. ކަނޑޫގަސްދޮށުގޭގައި ހުޅުވާފައިވާ އީވޯ ސޮލިއުޝަންސްގައި ފުޑް އެންޑް ބެވަރޭޖް (އެފް އެން ބީ) ގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ސާމާނު ލިބެން ހުރެ އެވެ. މިތަނުން ތަށި ސަމުސާ އާއި އޫ އަދި މި ނޫން ވެސް ބަދިގޭ ސާމާނު ލިބެ އެވެ. މިތަނުން ލިބޭ ބިއްލޫރި ތަށި ފަދަ ތަކެތި ބޭނުން ވާ ކުލައެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މީގެ އިތުރުން މި ފިހާރާގައި "ޓޮއިލެޓް ފަރުނީޗަރު" ވެސް ލިބެން ހުރެ އެވެ. މީގެ ތެރޭގައި ފާހާނާ ތަށިން ފެށިގެން ފެން އިސްކުރު ފަދަ ސާމާނު ވެސް ހިމެނެ އެވެ. އަދި ހައުސް ކީޕިންނަށް ބޭނުންވާ ގިނަ ސާމާނު ލިބެން ހުރެ އެވެ.

އީވޯ އިން މިފަހަރު ހުޅުވި ސޮލިއުޝަން ފިހާރާގައި ވަރަށް ރީތި އައުޓްޑޯ ފަރުނީޗަރު ވެސް އެބަ ހުއްޓެވެ. މީގެ ތެރޭގައި ބީޗާއި ޓެރަސް ފަދަ ތަންތަނުގައި ބަހައްޓާލަން ކަމުދާ ސަޅި ސަރަންފީ ޒާތުގެ ގޮނޑި އާއި ޖޯލި ފަދަ ތަކެތި ހިމެނެ އެވެ. މިއީ ރަށްރަށުގައި ހަދާ ގެސްޓް ހައުސްތަކާއި ރިސޯޓްތައް އަދި މިނޫން ވެސް ތަންތަނުގައި ބަހައްޓާލަން ހިތްގައިމު ޕްރޮޑްކްޓްތަކެވެ. މި ހުރިހާ ބާވަތްތަކެވެސް ސީދާ ގެނެސްފައިވަނީ ޔޫރަޕުންނެވެ. އަދި މިތަނުން ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓެއް ބޭރުން ގެނެސް ވެސް ދެ އެވެ.