ހަބަރު

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން އުމަރު ޖޭޕީއިން ވަކިވެއްޖެ

May 9, 2018
18

ކުރީގެ ހޯމް މިނިސްޓަރު އަދި ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އޭނާ އެ ޕާޓީ އިން ވަކިވެ ވަޑައިގެންފި އެވެ.

އުމަރު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި މިހާރު ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ. އެހެން ކަމުން ޖޭޕީގެ މެންބަރުކަމުން އޭނާ މިއަދު ވަކިވެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"މިއަދުން ފެށިގެން އަޅުގަނޑު ޖޭޕީއިން ވަކިވެއްޖައިން. އަޅުގަނޑު އިންތިހާބުގައި ވާދަކުރާނީ އަމިއްލަ ގޮތުން،" އުމަރު ފޮނުއްސި މެސެޖްގައިވެ އެވެ.

އިއްޔެ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ، އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރައްވާނީ ޖޭޕީގެ ޕްރައިމަރީގައި ވާދަކޮށް ރިޔާސީ ޓިކެޓް ހޯދުމަށެވެ. އަދި އެގޮތުން މަގެއް ނުފެނިއްޖެ ކަމަށްވާ ނަމަ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ނުކުތުމަކީ އަމާޒެއް ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.

ޖޭޕީގެ މައި ޖަގަހަ ކުނޫޒްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އުމަރު ޖޭޕީއާ ގުޅިވަޑައިގެންނެވީ ވެސް މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ޖޭޕީ އޮތީ އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން ކަމަށް ވާތީ، އުމަރު ޖޭޕީ މެންބަރެއްގެ ގޮތުގައި ހުންނަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވާތީ އެ މައްސަލަ ހޫނުވެސްވި އެވެ.

އުމަރު މިހާރު ވަނީ އޭނާގެ ފުރަތަމަ ކެމްޕޭން ވައުދު އާންމު ކުރައްވައިފަ އެވެ. ފޭސްބުކް މެދުވެރި ކުރައްވާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އުމަރު ވިދާޅުވެފައި ވަނީ، ބޯހިޔާވަހި ކަމުގެ މައްސަލަ އަކީ ކޮންމެ ސަރުކާރަކުން ވެސް ވިޔަފާރިއަކަށް ހަދާފައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވައި ގެދޮރުގެ ކުލި ބޮޑުތަނުން ކުޑަކުރާނެ ކަމަށް އުމަރު ވައުދުވެ ވަޑައިގެންނެވި އެވެ. އެގޮތުން "ހެޔޮހިޔާ" ވައުދުގެ ދަށުން ގެދޮރުގެ މައްސަލަ ހައްލުކުރަން ކޮންމެ އަހަރަކު ވެސް ތިން ބިލިއަން ރުފިޔާ އޭނާގެ ސަރުކާރެއްގައި ހަރަދު ކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.