ހަބަރު

އާޓިފިޝަލް ބީޗު ހަދަން 13 މިލިއަނަށް އެމްޓީސީސީއަށް!

މާލޭ އިރުމަތީ ފަރާތުގައި ހުންނަ އާޓިފިޝަލް ބީޗު ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެން ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީއަށް)އަށް ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ހިތްގައިމު މާހައުލަތައް ގިނަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާޓިފިޝަލް ބީޗުވެސް ރަސްފަންނު ފަދަ ތަފާތު ކޮންސެޕްޓަކަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެ މަޝްރޫއަށް ޖުމުލަ 13 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. ނަމަވެސް ތިން މިލިއަން ރުފިޔާއަކީ އެ މަޝްރޫއު ހަވާލު ކުރާ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ހިލޭކޮށްދޭނެ މަަސައްކަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން މިހާރު ރަސްފަންނުގަ ހުންނަ ގޮތަށް ޖޯލިތަކާއި ކުޑަތަކާއި އައުޓް ޑޯ ޖިމްއެއް ވެސް ހުންނާނެ ކަމަށާއި އޭގެ އިތުރުން ޝަވާ އޭރިއާ އާއި ކެފޭތައް ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެެ އިތުރުން އާޓިފިޝަލް ބީޗުގެ މޫދު ވެސް އިތުރަށް ކޮނެ މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށާއި މުޅި މަޝްރޫއު ފަސް މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވީއާ ވަރަށް ކާމިޔާބު ކަމާއެކު މި މަސައްކަތް ކުރިޔަށް ދާނެ، އަދި އެތަނުގައި މިހާރު ވެސް ރިން ރޯޑްގެ މަސައްކަތް ކުރިޔަށްދޭ، ގާތްގަނޑަކަށް އެކީއެކައްޗަކަށް އިރުމަތީ ފަރާތާއި ބޭރުމަގުގެ މަސައްކަތްތައް ނިންމާލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަނުގައި އެމްޓީސީސީގެ މަސައްކަތްތަކުގެ އިތުރުން އެހެން ކުންފުނިތަކުގެ ސީއެސްއާރްގެ ދަށުން ތަފާތު މަޝްރޫއުތައް އެތަނުގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ނިމިގެން ދާއިރު ވަރަށް ތަފާތު އަދި ރީތި ތަނަކަށް އާޓިފިޝަލް ބީޗު ވެސް ބަދަލުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާޓިފިޝަލް ބީޗުގައި ހުރި ކެފޭތައް ބަންދުކުރަން ނޯޓިސްތައްދީ އެ ފަރާތްތަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން ފައިސާ ދޭން ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި އެ ފަރާތްތަކުގެ ޑިވަލޮޕްމަންޓުތައް ކުރިޔަށް ގެންދެވޭ ގޮތަށް އެއްބަސްވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.