ހަބަރު

މަނާކޮށްފައިވާ ބެޗްގެ ފެން ބާޒާރަށް ނެރުނީ ޓެސްޓްކޮށް، ހުއްދަ ދިނުމުން: ކުންފުނި

May 23, 2015
1

ރާއްޖޭގައި އުފައްދަމުންދާ ލައިފް ފެނުގެ ތެރެއިން މައްސަލަ ހުރި ކަމަށް ފާހަގަކޮށްފައިވާ ބެޗްގެ ފެނަކީ ޓެސްޓް ކުރުމަށް ފަހު ބާޒާރަށް ނެރެފައިވާ ފެނެއް ކަމަށް ލައިފް ފެން އުފައްދާ ކުންފުނިން މިއަދު ބުނެފި އެވެ.

ލައިފް ފެނުގެ 226 ނަމްބަރު ބެޗުގެ ފެނުގައި މައްސަލަ ހުރި ކަމަށް ފާހަގަކުރެވިފައިވާތީ އެ ބެޗްގެ ފެން ބޭނުން ނުކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އިއްޔެ އިލްތިމާސްކޮށްފައި ވަނިކޮށް ލައިފް ފެން އުފައްދާ އިންޓަނޭޝަނަލް ބެވަރޭޖަސް ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ކުންފުން ތައްޔާރުކުރާ ކޮންމެ ބެޗެއްގެ ފެނެއް ވެސް ބާޒާރަށް ނެރެނީ ޓެސްޓް ކުރުމަށް ފަހު ހުއްދަ ދިނުމުން ކަމަށެވެ.

އެގޮތުން 226 ނަމްބަރު ބެޗްގެ ފެން ވެސް ބާޒާރަށް ނެރުނީ ނޭޝަނަލް ހެލްތް ލެބޯޓްރީއިން ޓެސްޓް ކުރުމަށް ފަހު އެ ބެޗްގެ ފެނަކީ އިންސާނުން ބޭނުން ކުރަން އެކަށީގެންވާ ފެނެއް ކަމުގެ ހުއްދަ އެތަނުން ދިނުމުން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ބެޗްގައި ބާޒާރަށް ނެރެފައިވަނީ 1.5 ލީޓަރުގެ ފެން އެކަނި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބެޗްގެ ފެން ބޭނުން ނުކުރަން އަންގާފައިވާތީ މިހާރު އެ ބެޗްގެ އެއްވެސް ފެނެއް ވިއްކަމުން ނުދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ލައިފް ފެނުގެ އެ ބެޗްގެ ފެން ބޭނުން ނުކުރަން އެންގީ ނުބައި ވަހަކާއި ކުނޑިތަކެއް އެ ބެޗްގެ ފެނުން ފާހަގަވެފައިވާތީ ކަމަށް ބުނެއެވެ.