އަބްދުއްރަހީމް އަބްދުﷲ

އަދުރޭގެ ޅެންވެރި ކަމުގެ ދެއްޔަކީ ޖަލު އަހުވަ!

May 22, 2018
16

ފޮނަދޫ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަކީ އާދައިގެ އާއިލާއެއްގެ އާދައިގެ ބޭފުޅެވެ. ދިރުޅުއްވުން ވެސް އޮންނަނީ އުހަށް ވުރެ ތިރީން ސާދާ ގޮތަކަށެވެ. އެެހެން ނަމަވެސް އެއީއަކީ މިހާރު އާދައިގެ ބޭފުޅެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. ރާއްޖޭގެ އެންމެ "ފަލަ" ޕާޓީގެ ގެ ނައިބު ރައީސެވެ. ސަރުކާރު ހިންގަނީ އެ ޕާޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދުލަކީ ފޮނަދޫ އަދުރޭއޭ ބުނާ ދުލެއް ދޮގެއް ހެދިއެކޭއެއް ނުބާނެ އެވެ. އެކަމަކު އެވާހަކަ ދޫކޮށްލާނީ އެވެ. ކުށެއް ސާބިތުވެގެން 1985 އަހަރު ތިން މަހެއްހާ ދުވަހުގެ ޖަލުގައި އޮންނަވަން އަދުރޭއަށް ޖެހި ވަޑައިގަތެވެ. ޖަލު ގޮޅީގެ ހަޔާތަކީ އަހުވަ އާއި އަނިޔާއާއެކުގައި ވޭނާއި ރިހުން ގަދަ ހަޔާތެކެވެ. ބާ ވާހަކަ އަކަށް ވާތީ އެވާހަކަށް ވެސް ނުލިޔާނީ އެވެ. އެކަމަކު ޖަލުގެ ކުޑަގޮޅީގައި ކުރުގެޅުވިގެން ޓިނުގަނޑާ ދިމާއަށް ބައްލަވަން އުޑުތިލައަށް އޮންނެވި އިރު އަދުރޭ ހިޔާލުގައި ރީތި ހަނދާތައްކެއް ކުރެހުނެވެ. ރަށު މަދަރުސާގައި ފުރާވަރުގެ ކުދިންނާއެކު ވާދައަށް ބައިތު ބާޒީ ކުރެއްވި އުފާވެރި ދުވަސްތަކުގެ ހަނދާންތަކެވެ. ބާޒީގައި ކުރި ހޯއްދަވަން ޅެންވެރިންގެ ޅެންތަކާއި ޅެން ފޮތްތައް ހޯއްދަވައި ހިތުދަސް ކުރެވި ރޭ ތަކެވެ.

ފަށާނީ މިދިމާއިންނެވެ؛ އާއިލާ އާއި އަނބިމީހާއާ ދުރުގައި ޖަލު ގޮޅިއަކަށް ގަޅައިލުމުން ގަނައެއް ތެޅެން ޖެހުންވަޑައިގަތުން އަދުރޭއަށްވެސްވީ އެހެން މީހުނަށް ވާގޮތެވެ. ފުނުން އުފެދުނު އިހުސާސްތަކުގައި ހިތް ފަޅައިގެން ދިޔަ އެވެ. އެކަމަކު އާދަޔާ ތަފާތެއް ވިއެވެ. ޖަލު އަނިޔާ އާއި އަހުވައިގެ ވޭން ގަދަވި ވަރަކަށް އަރާ އިރާއެކު ހީނ ސަމާސާކޮށް ސަކަރާތް ގަނެ ވާދައަށް ބައިތުބާޒީ ކުރި ހަނދާތައް ތެދުވަދަނީ އެވެ. އަދަބުތައް ޅެން ބައިތުތަކެއްގެ ސިފައިގައި ހަދަން އޭނާ ބޭނުންވި އެވެ. ތޭރި ތަކުގެ ބިއްދަށުގައި ތިބި އެހެން މީހުން ފަދައިން އަދުރޭ އަށްވެސް ފެނުނީ ދުނިޔެއިން ގޮޅިއެއްވަރުގެ ތަންކޮޅެކެވެ، އަރާއިރު ނޫން އެއްޗެއް އެ ގޮޅިއަކުން ނުފެންނައިރު ލިޔާނެ ގަލަމެއް އަތުގައި ނެތަސް ދެ އަތްތިލައިގެ ގުނަވަނަކަށްވެ އެލިގަނެއްގެން ދަބަރު ބިޑިއެއް އޮވެއެވެ. ލިޔާނެ ގަނޑެއް ނެތަސް ބިޑިން ހިލޭ ދަބަރު އޭނާގެ ހަށިގަނޑުގައި ލިޔަމުން ދިޔައެވެ. ހަނދާންތައް ޅެމުން ތަރުތީބު ކުރަމުން ސިކުނޑިއާ ހިތާއި ފިތާ ހަވާލު ކުރަމުން ދިޔައީ ޖަލުގަ އެވެ. ޅެންވެރިއަކަށް ވެވިދާނެއޭ އަދުރޭއަށް ހީވީ ވެސް ކުޑަގޮޅީގައެވެ. އަދުވަސްތައްވީ ޅެންވެރިކުގެ ބަގީޗާގައި އަދުރޭއެއް ނޭވާލައި ފިރުކި ތެދުވާން ފެށި ދުވަސްކޮޅަށެވެ.

"އާއިލާއާ ވަކިވެގެން އެތާ [ޖަލު] ތެރޭ އެގޮތަށް އޮންނަން ޖެހުމުން އެތައް ހިޔާލުތައް ހިތަށް އާދޭ، އަތުގައި ގަނޑެއް ގަލަމެއް ނެތީމަ ވަރަށް ދެރަވޭ އެތަކެތި ރައްކާ ނުކުރެވޭތީ، އެހެންވެ އަޑު ހަރުކޮށް ކިޔަނީ. ކުޑަގޮޅީގައި ކުރާނެ ނުކުރާނެ ކަމެއް ނޭނގި މާޔޫސްވުމުން ހެދޭ ގޮތަކަށް ޅެން ހަދަން ފެށީ. ފުރަތަމަ ހެދުނީ ޖަލު އަނިޔާއާ ގުޅުން ހުރި ޅެންތައް. އެތާނގައި ޖަލު ސިފަ ކޮށްދިނުން ނޫނީ ކުރެވޭނީވެސް ކޮން ކަމެއް؟ އެހެންވެ ޖަލުގައި ދޭ އަދަބުތައް ސިފަކޮށްދިނުމުގެ ގޮތުން ހިތުން ޅެން ހަދައި ބާރަށް ކިޔަމުން ސިކުނޑީގައި ރައްކާކުރީ،" ޅެންވެރިކަމަށް ޝައުގުވެރިވެ ވަޑައިގެންނެވި ގޮތް "އަވަސް" އާ ހިއްސާ ކުރަމުން އަދުރޭ ވިދާޅުވި އެވެ.

ޖަލުން ވީއްލިއްޖެ އެވެ؛ އެކަމަކު މިނިވަނަކަށް ނުވެ އުމުރުން 20 އަހަރު ވެއްޖެ އެވެ. ޖަލަށް ފަހު ގޭބަންދުގައި އެއް އަހަރާއި ހަ މަސް ދުވަސް ހުންނެވީ ހ. ރަންގަލީގަ އެވެ. އޭރު ޅެން ބުރި ބުރި އާއި ދިގު ޅެންތައް ހަދަން ރަނގަޅަށް ފަރިތަ ވެއްޖެ އެވެ. ނަމަވެސް އޭރުވެސް ފުރިހަމަ ޅެމެއް ނުހެއްދެވެ އެވެ. އެހެން ހުންނަވަނިކޮށް ރަށުގައި އިންނެވި އަނބިމީހާގެ ސިޓީއެއް އަދުރޭއާ ހަމައަށް މާލެ އަތުވެއްޖެ އެވެ.

"އަންހެނުން ފޮނުވީ ސިޓީގައި ބުނެފައި ވަނީ 'ތިމަންނާ ވިހައިފީމޭ! އަބްދުއްރަހީމަ ބައްޕައަކަށް ވެއްޖޭ'! އެ ސިޓީން އަޅުގަނޑުގެ އަންހެނުން ވިހެއި ހަބަރާއި އަޅުގަނޑުގެ ބައްޕައަކަށްވި ހަބަރު ލިބުމުން އުފާވެގެން ވެސް އަޅުގަނޑަކަށް ގޮތަކަށް ނޫޅެވުނު، ޅެމެއް ކިޔައިލެވުނީ! އެއީ އުފާވެރިކަން ބޭރުކޮށް އަޅުގަނޑަށް ފަސޭހަވި ގޮތް." އަދުރޭ ވިދާޅުވި އެވެ. "އެއީ އަޅުގަނޑަށް ލިބުނު ފުރަތަމަ ދަރިފުޅު، އެންމެ ފުރަތަމަ ކުއްޖާ ލިބުނު އިރު އެ އުފާވެރި ވަގުތުގައި ކުއްޖާ ދެކިލާކަށް ނުލިބުނު، ގާތުގައެއް ނުހުރެވުނު، އެހެންވެ ވަރަށް ހިތްދަތި އިހުސާސްތަކެއް އެވަގުތު ކުރެވުނު،"

ބައްޕައަކަށްވެ ވަޑައިގަތުމުން ލިބި ވަޑައިގެންނެވި އުފާ އޮތް ނަމަވެސް ލޮލަށް ދަރިފުޅު ނުފެނުމުން ލޮލުގެ ތެރޭގައި އުފެދުނު އުފެދުނު ހިތާމައިގެ ކަރުނަތައްވީ ޅެމެއްގެ ސިފާގައި އަދުރޭގެ ގަލަމުން ފޭދުނު ދެއްޔަށެވެ.

"ބައްޕައެއްގެ އިހުސާސްތައް ކަރުނައާއެކު އަޅުގަނޑުގެ ލޮލުގެ ތެރެއިން ނުކުމެގެން އައި ވަގުތު އެ ވާހަކަތައް ޅެމަކަށް ބަދަލުވެގެން އައީ" އަދުރޭ ވިދާޅުވި އެވެ. -- ފުރިހަމަ ޅެމެއްގެ ގޮތުގައި އަދުރޭ ފުރަތަމަ ހެއްދިވި އެ ޅެމުގެ ނަމަކަށް ދެއްވީ ވެސް "ބައްޕައެއްގެ އިހުސާސް" އެވެ.

"އެތަކެއް ސަތަކޭ ޅެން ހަދާފައިވާނެ، އެކަމަކު އެއީ އެންމެ ފުރަތަމަ ލިޔެވުނު [ހެދުނު] ޅެން ކަމަށް ބަލަނީ. އަދި މިހާތަނަށް ވެސް އެންމެ ހާއްއެސަ ޅެމަކީ ވެސް އެއީ،"

ޅެން ފޮތެއް ނެރެން ކުރެއްވި މަސައްކަތް

ގޭ ބަންދުގައި ހުންނެވި އިރު އަދުރޭ ވަގުތު ހޭދަ ކުރެއްވީ ޅެން ހެއްދެވުމުގަ އެވެ. ޅެންވެރިއަކަށްވާން ޅެން ހަދަން ފެށުނީ "ލިޔުމަށް އަޅާ ފަށަމޭ މި މައްސަލަ، ހިނގި ގޮތުގެ ފުރިހަމަ ބަޔާންތަކެއް"، އެ ބައިތުގެ އެއްބައި ކަމަށް ހަދައިގެނެވެ. އެހިސާބުން އަދުރޭގެ މައްޗައް ހުކުމެއް އައި މައްސަލަ ފަށައިގެން އައި ގޮތާއި ތިން މަހާއި 18 ދުވަސް ޖަލުގައި އަދި އެއް އަަހަރާ ދެ މަސް ދުވަސް ގޭބަންދުގައި އެ ފަހުން އަހަރެއްހާ ދުވަސް އަރުވާލާފައި ހުންނެވި ދުވަސްތަކުގެ ހުރިހާ ކަމެއް ހިނދެއް ޅެމުން ލިޔެ ރައްކާކުރި އެވެ. -- އަދުރޭއަށް އައި ހުކުމަކާ ގުޅުވައި ދެކެވޭ ވާހަކައަކީ ހަމަ "ހުސް ޓިނުގަނޑެކެ" ވެ.

އެ ހުރިހާ ވާހަކަތަކަކާއި އެ ދުވަސްވަރު ހެއްދެވި ގިނަ ޅެންތަކެއް ހިމެނޭ ގޮތަށް 2003 ތިން ވަނަ އަހަރުގައި އަމިއްލަ ޅެން ފޮތެއް އެކުލަވައިލަން ނިންމަވައި އަދުރޭ އެ މަސައްކަތް ފެއްޓެވި އެވެ. އެގޮތުން އަދުރޭ ހައްދަވާފައިވާ ގާތްގަނޑަކަށް 400 އެއްހާ ޅެން، އެއް ކުރެއްވުމަށް ފަހު ފޮތެއް ތައްޔާރު ކުރެއްވި އެވެ. އަދި 2004 ވަނަ އަހަރުގެ ފަހު ބަޔާ ހަމަޔަށް ދިޔަ އިރު ފޮތުގެ ކުށްފިލުވުމާއި އެ ފޮތް ޗާޕު ކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމާލި އެވެ.

ނަމަވެސް އޭރު ވަޒީފާ އަދާ ކުރެއްވި ލ. އަތޮޅު، އަތޮޅު އޮފީހުގައި އިންނަވަނިކޮށް ޑިސެމްބަރު 26، 2004 ގެ ހެނދުނު 9:30 ސުނާމީ ބޮޑު ރާޅު އެޅި ހަބަރަށް ބާރަށް ދުވަމުން ގެއާ ދިމާލަށް ދިޔަ އިރު އެ ބިޔަ ރާޅާއެކު ހޮޅީގެ ތެރޭގައި އަދުރޭގެ މުޅި ގެ އެކީ ރާޅު ބަނޑުދޮށުލައި ދޮވެލަނީ އެވެ.

"އަޅުގަނޑު ހެނދުނު އޮފީހަށް ދިޔަ އިރު ހުރި ގެއެއް. އަނބުރައި އައިއިރު ނެތް، ދެން ގޭގައި ހުރި ފަރުނީޗަރަކަސް ހުރިހާ އެއްޗެއް ދިޔަ އިރު ފޮތް ވެސް އޮޔާ ދިޔައީ، ދެން އެ ޒަމާނަކީ އެހާ ބޮޑަށް އިތުރު ކޮޕީތައް ހަދާ ރައްކާ ކުރެވޭ ގޮތް ހުރި ޒަމާނެއް ނޫންކަމުން އެ ފޮތް އަނބުރާ ލިބޭނެ ގޮތެއް ނުވި، އެއީ އަޅުގަނޑުގެ އަތުން ގެއްލުނު އެންމެ މުހިންމު އެއްޗަކީ،"

އެހާ ގިނަ ދުވަސްތަކެއް ވަންދެއް ކުރި މަސައްކަތް ފެނަށް ދިޔުމުން ވަރަށް ބޮޑަށް މާޔޫސްވެ ޅެން ފޮތެއް ނެރުމުގެ މަސައްކަތާ އަދުރޭ ކޮންމެވެސް މިންވަރަކަށް ވަރަކަށް އެއް ފަރާތްކޮށްލި އެވެ. ނަމަވެސް އޭރުވެސް ޅެން ހެދުމަށް ހުންނަ ޝައުގުވެރިކަމާއި އެ ހުނަރު ބޭނުން ކުރުން ދުލެއް ނުކުރައްވަ އެވެ. އަބަދުވެސް ޅެން ހައްދަވަ އެވެ. ލަވަވެސް ލިޔުއްވަ އެވެ. އެ ބޮޑު ރާޅު ދެކެ އެރީ ރުޅީގައި ފޮތެއް އެކުލަވައިލާ ހިތް ނުވަނީ އެވެ.

އުންމީދަށް ކުޑަވެސް ފަނޑުކަމެއް ނާދޭ!

އޭގެ އެތައް އަހަރު ފަހެވެ؛ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ހަމަނޭވާއެއް ލެވޭ ވަގުތުކޮޅުގައި އަދުރޭ އެންމެ ހިތްހަމަ ޖެހެނީ ރީތި ޅެމެއް ޅެން ބައިތެއް ހަދައި ލެވުމުންނެވެ. އެކަމުގައި ހިތްވަރު އެލުވައި ނުލާ އަދިވެސް ޅެން ހައްދަވާއިރު އަދުރޭގެ ގިނަ ޅެންތައް ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެ ވައިގައި ހިފާފަ އެވެ.

އަދުރޭއަށް އެންމެ ގަޔާ ވެެގެން ހެއްދެވެނީ ލޯބީގެ ޅެންތަކަށް ވުރެ ބޮޑަށް ދުނިޔެވީ ގައުމީ ލަވަ އެވެ. ސިޔާސީ ކަންކަމާއި މީހުންނަށް ދިމާވެފައިވާ ހަގީގީ ހާދިސާތަކާ ގުޅުވައިގެން ހަދާ ޅެންތައް ވެސް އަދުރޭގެ ދޫހާ އޭނާއަށް ފަސޭހަ އެވެ. ދީނީ ޅެންވެރިކަމުގެ މުބާރާތްތަކުންނާއި އެހެން ބައެއް ޅެން މުބާރާތްތަކުން ރަން ވަންތައް ހާސިލު ކުރައްވާފައިވެ އެވެ.

ޅެންވެރިކަމުގެ ދާއިރާއިން އޭނާ ދެކެ ވަޑައިގަންނަވާ ހުވަފެނެއް ވެސް އޮވެ އެވެ. އެއީ ދިވެހި ބަހުގެ ހަމަތައް ހިފެހެއްޓިފައިވާ ޅެންތައް ރާއްޖޭގެ މުޖުތަމައުގައި ގިނަ ވެގެން ދިއުމާއި ޅެންވެރީންގެ ބަހާރަށް ބަހާރު މޫސުމެއް އައުމެވެ.

"ޅެން ފޮތެއް ނެރެވޭތޯ މަަސައްކަތް އެބަކުރަން 100 އެއްހާ ޅެން ހިމެނޭ ފޮތެއް އެއީ. ފޮތުގައި އަޅުގަނޑުގެ މާޒީގެ ބައެއް ވާހަކަތަކާއި ރާއްޖޭގައި ހިނގި ސިޔާސީ ބޮޑެތި ހާދިސާތަކުގެ ވާހަކައާއި ގެއްލިގެން ދިޔަ މުހިންމު ފަރުދުންގެ ވާހަކަ ހުންނާނެ އަދި މަސައްކަތް ކުރަނީ އެންމެ ފުރަތަމަ ދަރިފުޅަށް އޭނާ ހެދި ފުރަތަމަ ޅެން ހޯދުމަށް ފަހު އެ ފޮތުގައި ހިމަނަން" ޕީޕީއެމަށާއި ޑީއާރްޕީއަށާއި ޕީއޭ އަށާއި ރައީސް މައުމޫނަށާއި ރައީސް ޔާމީނަށް ހާއްސަ ގިނަ ޅެންތައްކެއް ހައްދަވައި ޅެން ވެރިކަމުގެ "އަސުރުމަލަ"ށް ވެވަޑައިގެންފައިވާ އަދުރޭ ވިދާޅުވި އެވެ.