ހަބަރު

މަޖީދުގެ މައްޗައް ޣައިބުގައި ކަށުނަމާދު ކުރުން މާދަމާ ރޭ

މިއަދު މެންދުރު ފަހުގެ ވަގުތުގައި އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މަޖީދުގެ މައްޗައް ޣައިބުގައި ކަށުނަމާދު ކުރުން މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފި އެވެ.

މަޖީދުގެ އާއިލާ ބޭފުޅަކު ވިދާޅުވީ މަޖީދުގެ މައްޗައް ޣައިބުގައި ކަށުނަމާދު ކުރުން އޮންނާނީ މާދަމާ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށާއި ވީހާވެސް ގިނަ ބޭފުޅުން އޭގައި ބައިވެރިވާން އެދޭ ކަމަށެވެ. މަޖީދުގެ ޖަނާޒާ އޮތީ މާދަމާ މެންދުރު ފަހު ސްރީލަންކާގެ ޖާވައްތަ ޖުންމާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އުމުރުން 55 އަހަރުގެ މަޖީދަށް ސްޓްރޯކެއް ޖެހިވަޑައިގަތް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ސްޓްރޯކެއް ޖެހުމުގެ ސަބަބުން ހާލުކޮޅު ސީރިއަސްވެ އެދުވަހުން ފެށިގެން އެ މަނިކުފާނަށް ފަރުވާ ދެމުން ދިޔައީ މެޝިނުގެ އެހީގަ އެވެ.

ދިވެހި ރާއްޖޭގެ ސަރުކާރުތަކަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވެވި މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ އެވެ. އޭނާއަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އޭނާ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް ކަމާއި ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި އަދާލަތު ޕާޓީގެ އެއް ފައުންޑާއަކީ ވެސް މަޖީދެވެ. ދިނީ އިލްމުވެރިއެއް ނަމަވެސް އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ހިނގި ނަމެކެވެ.