ވިޔަފާރި

ހިއްސާގެ ބޯނަސް ލިބޭނީ ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް: އެމްޓީސީސީ

May 24, 2015

ހިއްސާގެ ބޯނަސް ލިބޭނީ މި މަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރާ ހިއްސާދާރުން ނަށް ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މިމަހުގެ 31 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާއްމު ޖަލްސާއާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ، ބޯނަސް ހިއްސާ ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ކަމަށްވާތީ، ބޯނަސް ހިއްސާއާއެކު ހިއްސާދާރުންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުމަށްޓަކައި ކުންފުނީގެ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން ހަތް ދުވަހުގެ ނޯޓިސްއެއް ދީފައިވާ ކަމަށެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ރަނގަޅު ފައިދާ އެއް ލިބިފައިވެ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 81 މިލިއަން ރުފިޔާ ލިބުމާއި ގުޅިގެން ވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 20ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅުމަށް އެމްޓީސީސީގެ ބޯޑުން ނިންމާފަ އެވެ.