ހަބަރު

2018 ގައި ހުންނާނީ ރައީސް ޔާމީނާއެކު: ފާރިޝް

May 24, 2015
1

ދެހާސް އަށާރަ ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނަމަ ފުރަތަމަ ތާއީދު ދެއްވާނެ ކަމަށާއި ހުންނަވާނީ ރައީސް ޔާމީނާއެކުގައި ކަމަށް ދިއްގަރު ދާއިރާގެ ބައިލެކްޝަންގައި ޕީޕީއެމުން ވާދަ ކުރައްވާ ކެންޑިޑޭޓް  ފާރިޝް މައުމޫން ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި  ވާހަކަފުޅު ދައްކަވަމުމް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ދަރިކަލުން ވިދާާޅުވީ އެމަނިކުފާނަކީ މާ ދުރަށް ވިސްނުންތައް ރާވާ ހިންގަވާ ބޭފުޅެއް ނޫން ކަމަށާއި ރައީސުލް ޖުމްހޫރިއްޔާގެ ކަމުގެ މަގާމަށް ވާދަ ކުރެއްވުމުގެ ވިސްނުން ފުޅެއް އަދި ނުގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑަކީ މާ ދުރަށް ރާވައިގެން ކަން ކުރާ މީހެއް ނޫން. އެފަދަ [ރައީސް ކަމަށް ވާދަ ކުރުމުގެ] ވިސްނުމެއް އަދިއެއް އަޅުގަނޑުގެ ނެތް. ދެހާސް އަށާރަ ވަނަ އަހަރު ރައީސް ކަމަށް، ރައީސް އަބްދުﷲ ޔާމީން ކުރިމަތިލައްވާ ވާދަ ކުރައްވާ ކަމަށް ވަންޏާ އަޅުގަނޑުގެ ފުރިހަމަ ތާއީދު އޮންނާނީ އެމަނިކުފާނަށް. އަޅުގަނޑު ހުންނާނީ އެމަނިކުފާނާއެކުގައި. އެހެން ނަމަވެސް ހިދުމަތް ކުރުމަށް އެފަދަ ފުރުސަތެއް އަޅުގަނޑަށް މިންވަރު ކުރައްވައިފި ކަމަށް ވަންޏާ ގަބޫލު ނުކުރާނެ ވާހަކައެއް ނޫން. މި ދައްކަނީ ވަރަށް ދުރު މުސްތަގުބަލެއްގެ ވާހަކަ... 2018 ގައި އަޅުގަނޑު ހުންނާނީ ރައީސް ޔާމީނާއެކު،" ފާރިޝް ވިދާޅުވި އެވެ.

ފާރިޝް ވިދާޅުވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑެޓެއްގެ ގޮތުން އޭނާ ވާދަ ކުރައްވާ އިރު ޕީޕީ އެމާއި ސަރުކާރާއި ރައީސް ޔާމީންގެ 100 ޕަސެންޓް ތާއީދު އޭނާއަށް އެބައޮތް ކަމަށާއި ރައްޔިތުން މަޖިލީހުގެ ހިދުމަތަށް ނުކުންވަނީ ރައްޔިތުންގެ ބޮޑު ޒިންމާއެއް ކޮނޑުފުޅުގައި އަޅުއްވައިގެން ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބުގެ ކެމްޕޭން ކުރިޔަށްދާއިރު ޕީޕީއެމްގެ ކުރީގެ މެންވަރަކު ހުންނެވުމަކީ އަދި އެހެން ވާދަވެރިން ތިއްބެވުމަކީ އޮތް ޗެލެންޖެއް ކަމަށައި ނަމަވެސް ދިއްގަރު ދާއިރާއަކީ ޕީޕީއެމަށާއި  ސަރުކާރާށާއި ރައީސް މައުމޫނަށް ހާއްސަ ދާއިރާއެއް ކަމަށެވެ.

މީގެ އިތުރުން ފާރިޝް މިރޭ ވިދާޅުވީ އޭނާގެ ސިޔާސީ މަސައްކަތް ކުރިންސުރެ ރައީސް މައުމާއެކު ފެށިފައިވާ ކަމަށާއި ފަހަކަށް އައިސް ރައީސް މައުމޫނުގެ އެޑްވައިޒަރެއްގެ ގޮތުން މަސައްކަތް ކުރައްވާއިރު ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރެއްވި ބައެއްކަން ފެނިވަޑައިގެންފައިވާ ކަމަށެވެ.

"ވަރަށް ގިނަ ކަންކަން އަޅުގަނޑަށް ވަނީ ގަތުން ފެނިފައި. ހާއްސަކޮށް މީހުންނާ، ކޮންމެ ފެންވަރެއްގެ މީހަކާ ބައްދަލު ކުރެއްވި ނަމަވެސް އެ ގެންގުޅުއްވާ އުސޫލާއި އޯގާތަރެރި ކަމާއި އަދި ކަންކަމުގައި ބޭނުން ކުރައްވާ ހިކުމަތާއި ކެތްތެރި ކަމާއި ކަންކަން ނިންމެވުމުގައި ގެންގުޅުއްވާ އުސޫލާ މަޝްވަރާއިން ކުޑަ މިންވަރެއް އަޅުގަނޑަށް ލިބުނު ނަމަވެސް އަޅުގަނޑު ހުރީ ވަރަށް ކުރީގައި،" ފާރިޝް ވިދާޅުވި އެވެ.