ހަބަރު

ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރިކަމުގެ ދައުވާއަށް އާޒިމް އިންކާރު ކުރައްވައިފި

May 25, 2015

ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އާޒިމްގެ މައްޗަށް ދައުވާކުރަނީ މިދިޔަ ފެބްރުއަރީ، 22 ވަނަ ދުވަހު މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުން ކަންމަތީގައި މުޒާހަރާ ކުރިއިރު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި، ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރި ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުން ދައުވާ އިއްވުމުން އާޒިމް ވިދާޅުވީ ދައުލަތުގެ ދައުވާގައިވާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. އަދި ވަކީލަކު ހޯދަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް އާޒިމް އެދިވަޑައިގަތެވެ.

ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދޭން އާޒިމް އެދިވަޑައިގަތް ނަމަވެސް ކޯޓުން ދިނީ ފަސް ދުވަހެވެ. ފަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށާއި 10 ވަރަކަށް ދުވަސް ބޭނުންވާ ކަމަށް ތަކުރާރުކޮށް، އާޒިމް ވިދާޅުވުމުން ވެސް އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ނަޝީދު ވިދާޅުވީ ދެވޭނީ ފަސް ދުވަސް ކަމަށާއި އެއީ އެކަށީގެންވާ މުއްދަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ އާޒިމަށް އަންނާނީ ގިނަވެގެން ހަ މަހުގެ ޖަލު ހުކުމެއް ނުވަތަ 12،000ރ. ގެ ޖޫރިމަނާ އެކެވެ. އެހެންވެ އެ ކުށް ސާބިތުވިޔަސް އާޒިމަށް މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ އެވެ. ގާނޫނު އަސާސީ ބުނާގޮތުން މެމްބަރުކަން ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ.