ވޯލްޑް ކަޕް 2018

ސައުދީ އަރަބިއްޔާ

Jun 12, 2018

ގޭމް ސިސްޓަމް: 4-3-3

މިއީ 12 އަހަރުގެ މެދުކެނޑުމަކަށްފަހު ސައުދީ އަރަބިއްޔާ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެ ކާމިޔާބުގެ ފަހަތުގައި ހުރީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ހޮލެންޑް ގެންގޮސްދިން، އެގައުމުގެ ބާޓް ވެން މާވިކް އެވެ. ނަމަވެސް ވޯލްޑްކަޕަށް އެ ޓީމު ކޮލިފައި ކޮށްދިންނަމަވެސް، އޭނާ އެ ޓީމުގައި މަޑެއް ނުކުރި އެވެ. އޭނާ އާއެކު އެއްބަސްވުން އާ ކުރުމުގެ ވާހަކަތަށްވެސް ފެށިއެވެ. ނަމަވެސް އޭނާ އަށް ސައުދީގައި ދާއިމީކޮށް ހުރެވެން ނެތުމުން އެއްބަސްވުން އާ ނުކުރުމަށް ނިންމީ އެވެ.

ސައުދީ އަރައްބިއްޔާއިން އެންމެ ފަހުން ވޯލްޑްކަޕް ކުޅެފައި ވަނީ ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ގައެވެ. ވޯލްޑްކަޕް އެއް މެޗެއްގައި އެންމެ ގިނައިން، ބައިކޮޅަށް ލަނޑު ވަން ޓީމުގެ ލަދުވެތި ރެކޯޑް އޮތީ ސައުދީ އަރަބިއްޔާއަށެވެ. ޖަޕާނާއި ދެކުނު ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޖަރުމަނުން ވަނީ 8-0 ން ސައުދީ ބަލިކޮށްފަ އެވެ. އެކަން މާޒީއަށް ދޫކޮށްލުމަށްފަހު ސައުދީ އަރަބިއްޔާ މިފަހަރު ޓާގެޓަކީ އެންމެ ކުޑަމިނުން، ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ. ސައުދީގެ އެންމެ ފުރަތަމަ ވޯލްޑްކަޕަކީ އެމެރިކާގައި 1994 ވަނަ އަހަރު ވޯލްޑްކަޕެވެ. ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު އެފަހަރު އެޓީމުން ދެ ވަނަ ބުރަށް ދަތުރު ކުރި އެވެ. އޭގެ ފަހުން ވޯލްޑްކަޕްގެ މެޗަކުން ސައުދީ މޮޅުވެފައެއް ނުވެ އެވެ. އެފަހަރު ދެ ވަނަ ބުރަށް ދަތުރު ކުރީ ދެ މެޗުން މޮޅުވެގެންނެވެ. ދެ ވަނަ އަށް މޮޅުވި މެޗަކީ ބެލްޖިއަމް އަތުން 1-0 މޮޅުވި މެޗެވެ. އެ މެޗުގައި ސައުދީގެ ފޯވަޑް ސައީދު އަލް އޯވައިރަން ޖެހި ލަނޑަކީ ވޯލްޑް ކަޕްގެ ތާރީހްގައި ޖެހި އެންމެ މޮޅު ލަނޑުތަކުގެ ލިސްޓްގައި ހިމެނޭ ލަނޑެކެވެ. އަމިއްލަ ހާފުގެ މެދެއްހާ ހިސާބުން އޯވައިރަންއަށް ލިބުނު ބޯޅަ ހިފައިގެން، ދުވެފައި ގޮސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޭނާ ލަނޑު ޖެހީ ބެލްޖިއަމްގެ މުޅި ޑިފެންސް ކަޓުވާލުމަށް ފަހު އެވެ.

ކޮލިފައިވީ ގޮތް

ސައުދީ އަރަބިއްޔާ ވޯލްޑްކަޕަށް ކޮލިފައިވީ އޭޝިއާ ޒޯންގެ ކޮލިފައިންގެ ފައިނަލު ބުރުގައި، ގުރޫޕް "ބީ" ގެ ދެ ވަނަ ހޯދައިގެންނެވެ. ގިނަ ބަޔަކު ހީކުރީ އެ ގުރޫޕުން ވޯލްޑްކަޕުގެ ސީދާ ޖާގަ ލިބެނީ ޖަޕާނާއި އޮސްޓްރޭލިއާއަށް ކަމަށެވެ. ނަމަވެސް، ސައުދީން ވަނީ ޖަޕާންގެ ފަހަތުން ގުރޫޕްގެ ދެ ވަނަ ހޯދައި ވޯލްޑްކަޕްގެ ސީދާ ޖާގަ ކަށަވަރު ކޮށްފަ އެވެ. އޮސްޓްރޭލިއާއަށް ޖެހުނީ ޕްލޭއޮފް ބުރަށް ދާށެވެ. އޭގެ ކުރިން، ކޮލިފައިންގެ ދެ ވަނަ ބުރުގައި، ގުރޫޕް "އޭ" ގެ އެއް ވަނަ ސައުދީން ހޯދި އެވެ. އެ ބުރުގައި އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ.

މުހިންމު ކުޅުންތެރިން

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސައުދީގެ ފުޓްބޯޅަ ފެޑްރޭޝަނުން މުހިންމު ފިޔަވަޅެއް އެޅި އެވެ. އެ ގައުމުގެ ނުވަ ކުޅުންތެރިޔަކު ލޯން އުސޫލުން ސްޕެނިސް ލަލީގެގެ ކުލަބުތަކަށް ފޮނުވި އެވެ. ސައުދީގެ ގައުމީ ޓީމު ކުޅުންތެރިންނަކީ އަމިއްލަ ގައުމުގެ ލީގްގައި ކުޅެމުންދާ ކުޅުންތެރިންނަށް ވާތީ، ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންނަށް ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާ ތަކެއް ހޯދައިދޭން ސައުދީގެ ފުޓްބޯޅަ ފެޑްރޭޝަނުން ބޭނުންވީ އެވެ. އެއީ ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

ސައުދީގެ ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ، ވިންގަށް ކުޅޭ، ޔަހްޔާ ސުލައިމާން އަލީ އަލް ޝެހްރީ އެވެ. އޭނާ ވަނީ ލޯން އުސޫލުން ސްޕެއިންގެ ލެގަނޭޒް އަށް ކުޅެފަ އެވެ. އޭނާ އަކީ ހަމަލާ އުފެއްދުމުގަޔާއި އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނުމުގައިވެސް އެންމެ އިތުބާރު ބޮޑު އެއް ކުޅުންތެރިޔާ އެވެ. އެހެންވެ ޔަހްޔާ އަލް ޝެހްރީ27 އަކީ ޓީމުގެ މައި ތަނބެވެ. ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށީ ފުރާވަރު އުމުރުގައެވެ. އޭނާ އަކީ ސައުދީގެ ފުޓްބޯޅައިގެ ތާރީހްގައި އެންމެ ބޮޑު އަގުގައި ކުލަބު ބަދަލު ކުރި ކުޅުންތެރިޔާ އެވެ. ސައުދީގެ އިއްތިފާގް އެފްސީ ދޫކޮށް 2013 ވަނަ އަހަރު އަލް ނަސްރު އެފްސީއަށް، ޔަހްޔާ އަލް ޝެހްރީ ބަދަލުވީ، 48 މިލިއަން ސައުދީ ރިޔާލަށެވެ.

ޔަހްޔާ އަލް ޝެހްރީގެ އިތުރުން، ތަޖުރިބާކާރު ސްޓައިކަރު މުހައްމަދު އަލް ޝަލަވީ އަކީވެސް ޓީމުގެ ހަމަލާތަކުގައި ނަގާކިޔާ މުހިންމު ކުޅުންތެރިޔެކެވެ. އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ވަނީ ކޮލިފައިންގައި 16 ގޯލް ޖަހާފަ އެވެ. ކޮލިފައިންގެ ފަހު ބުރުގައި، އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ސައުދީ ޓީމުގެ ނަވާފް ޝާކިރު އަލް އާބިދުވެސް ހިމެނެ އެވެ. އޭނާ ވަނީ ކޮލިފައިންގެ ފަހު ބުރުގައި ފަސް ލަނޑު ޖަހާފަ އެވެ. އަރަބި އެމިރޭޓްސްގެ އަހްމަދު ހަލީލުވެސް ފަސް ލަނޑު ޖެހި އެވެ. ނަމަވެސް ކުޅުނު މިނެޓްގެ އަދަދަށް ބަލައި ލަނޑު ލިސްޓްގެ ކުރީގައި ހިމާނާފައި ވަނީ ނަވާފްގެ ނަމަވެ.

ކޯޗް

ސައުދީ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިން ނަމަވެސް، ވެން މާވިކް، އާއެކު ކުރިއަށް ނުދާން ސައުދީގެ އެފްއޭއިން ނިންމި އެވެ. އޭނާގެ ބަދަލުގައި ކޯޗު ކަމަށް ހަމަޖެއްސީ، އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް އެޑްގާޑޯ ބައުސާ އެވެ. ސައުދީގެ ވަޒީފާއާ ހަވާލުވުމުގެ ކުރިން ބައުސާ ހުރީ ސައުދީގެ އެންމެ އެކުވެރި ގައުމު، އަރަބި އެމިރޭޓްސްގެ ކޯޗުގެ މާގާމުގައެވެ. ސައުދީގެ ކޯޗު ކަމަށް، އޭނާ ހަމަޖެއްސީ ސެޕްޓެމްބަރު މަހު އެވެ. ބައުސާ އާއެކު ސައުދީ ކުޅުނީ އެކުވެރި ކަމުގެ ފަސް މެޗެވެ. އޭގެ ތެރޭގައި ޕޯޗްގަލް އާއި ބަލްގޭރިއާ އާ ދެކޮޅަށް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކުޅުނު އެކުވެރި ކަމުގެ މެޗުތައްވެސް ހިމެނެ އެވެ. އެ ދެ މެޗުން ވެސް ސައުދީ ބަލިވީ އެވެ. ވޯލްޑް ކަޕް ގުރު ނަގަން، ތިން ދުވަހަށް ވެފައި ވަނިކޮށް ބައުސާ ކޯޗު ކަމުން ވަކި ކުރި އެވެ.

އޭނާގެ ބަދަލުގައި ކޯޗު ކަމަށް ހަމަޖެއްސީ، ޗިލީގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ހުއާން އެންޓޯނިއޯ ޕިޒީ އެވެ. އޭނާ ވަނީ، 2016 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާގެ ފުޓްބޯޅަ މުބާރާތް އޭނާގެ އަމިއްލަ ގައުމު އާޖެންޓީނާއާ ވާދަކޮށް ޗިލީ އަށް ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް ރަޝީއާގެ ވޯލްޑްކަޕަށް ޗިލީ ކޮލިފައި ކޮށްދިނުމުގައި އޭނާ އަށް ކާމިޔާބެއް ނުހޯދުނެވެ. ޗިލީ އަށް ކުރިމަތިވި ނާކާމިޔާބަށް ފަހު، ޗިލީގެ ކޯޗު ކަން ގެއްލުނު ފަހުން، ޕިޒީ ފުރަތަމަ ވަޒީފާ އަކީ ސައުދީގެ ހެޑް ކޯޗު ކަމެވެ. ސައުދީގެ އެފްއޭއިން އޭނާ އަށް ދީފައިވާ ޓާގެޓަކީ 1994 ވަނަ އަހަރު ވޯލްޑްކަޕުގައި ސައުދީ ދިޔަ ހިސާބަށް ދިއުމެވެ.