ވިޔަފާރި

ގަވާއިދާ ހިލާފުވި 80 އަށް ވުރެ ގިނަ ވިޔަފާރިއާ މެދު ފިޔަވަޅު އަޅައިފި

May 28, 2015

ގަވާއިދާ ހިލާފު ވެގެން 80 އަށް ވުރެ ގިނަ ވިޔަފާރިއާ މެދު ފިޔަވަޅު އަޅައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސުގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ނާހިޔާ މުހައްމަދު ވިދާޅުވީ ވިޔަފާރިތައް އިންސްޕެކްޓް ކުރަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ގަވާއިދާ ހިލާފުވި 88 ވިޔަފާރިއާ މެދު ފިޔަވަޅު މިދިޔަ އެޕްރީލް މަހު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބިދޭސީންނަށް ފިހާރަތަކުގެ ކޭޝިއަރުންނަށް ނުތިބެވޭނެ ކަމަށް އެ މިނިސްޓްރީން އެނގި، އެންގުމާއި ހިލާފަށް ބިދޭސީ ކޭޝިއަރުން ބައިތިއްބާ 36 ވިޔަފާރިއާ މެދު ވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"ވިޔަފާރިތައް ބަންދު ކުރުމަށް ކަނޑައެޅި ރޭގަނޑު 10 ގެ ފަހުން ބަންދު ކުރި ހަ ތަނަކާ މެދު ވެސް ފިޔަވަޅު އަޅާފައިވޭ،" ނާހިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ހުއްދު ނުނަގައި، ވިޔަފާރި ކުރި ތަނެއް ވެސް 10،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެ މިނިސްޓްރީން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ފޮޓޯގްރަފަރުންނާއި ކޭޝިއަރުންގެ އަންނަ މަހުގެ ހަތެއްގެ ކުރިން ފޮނުވާލާނެ ކަމަށް ވެސް ބުނެފަ އެވެ.