ހަބަރު

އިހުމާލުވާ ކަމަށްބުނެ ފުލެޓްތައް ހައުސިންގެ ދަށަށް ގެންދަނީ

މާލޭ ސިޓީ ކައުންސިލުން މާލެ، އަދި ވިލިމާލޭގައި ހުރި ސޯޝަލް ހައުސިން ފުލެޓްތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާތީ އެ ފުލެޓްތަށް ބެލެހެއްޓުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ކެބިނެޓުން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށް ލަފާ އަރުވައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، މާލޭ އާއި ވިލިމާލޭގައި ހުރި ސޯޝަލް ހައުސިން ފުލެޓްތަށް ބެލެހެއްޓުމުގަަ އާއި، އެ ފުލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަށްދިނުމުގައި ސިޓީ ކައުންސިލުން އިންތިހާއަށް އިހުމާލުވެފައިވާ ކަމަށެވެ. އެހެންވެ އެ ފުލެޓްތަކުގެ އެންމެހާ ޒިންމާތައް ހައުސިން މިނިސްްޓްރީގެ ދަށަށް ބަދަލު ކުރުމަށް ކެބިނެޓުން ރައީސް ޔަމީނަށް ލަފާ އަރުވާފައިވާ ކަމަށެވެ.

ފުލެޓްތަކާއި ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓު.

އެހެން ނަމަވެސް "އަވަސް" އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ، މާލޭ ސިޓީގައި ހުރި ފުލެޓްތަކުގެ މައްސަލާގައި ހައުސިން މިނިސްޓްރީއަށް ސިޓީތަކެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީތަކަށް މިނިސްޓްރީން ޖަވާބު ދީފައި ނުވާކަމަށެވެ.

އަދި ވިދާޅުވީ ސިޓީކައުންސިލްގެ އިދާރީ ހަރަދުތައް ކެނޑުމަށްފަހު އެހެނިހެން ހަރަދުތައް ކުރުމަށް ބާކީ އޮންނަނީ ހަތްހާސް ރުފިޔާ ކަމަށާއި، ސިޓީ ކައުންސިލަށް ދިމާވެފައިވާ ދަތިކަމުގެ ވާހަކަ ރައީސް އަބުދުﷲ ޔާމީނަށްވެސް ދެންނެވި ކަމަށް ސިފާ ވަނީ ވިދާޅުވި އެވެ.