ހަބަރު

އެލްޖީއޭގެ ބޯޑު މެންބަރުންގެ މުސާރަ 8000 ރ. އަށް ބޮޑުކޮށްފި

May 31, 2015

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު މެންބަރުންގެ މުސާރަ ކުރަން ފާސްކޮށް، ބޮޑު ކުރި މުސާރަ ދޭން ފަށައިފި އެވެ.

އަވަސް އަށް ކަށަވަރުވެފައިވާ ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ބޯޑުގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ފާސް ކުރި އިރު މީގެ ކުރިން އޮންނަނީ ކޮންމެ ސިޓިންއެއްގައި މެންބަރަކަށް 500ރ. އެވެ. އަލަށް ފާސް ކުރީ މަހު މުސާރައިގެ ގޮތުގައި 8000ރ. ކޮންމެ މެންބަރަކަށް ދިނުމަށެވެ.

އެލްޖީއޭ އެކުލެވިގެންވަނީ ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގައިބަޔާންކުރާ ނުވަ މެންބަރުންގެ މައްޗަށެވެ. ނަމަވެސް އާންމުންގެ ފަރާތުން އެލްޖީއޭ ތަމްސީލް ކުރާ ގޮތަށް މަޖިލީހުން ހޮވާ މެންބަރަކު މިވަގުތު ނެތުމުން މިވަގުތު ތިއްބެވީ އަށް މެންބަރުންނެވެ.

އެއީ ބޯޑުގެ ރައީސް ހޯމް މިނިސްޓަރު އުމަރު ނަސީރާއި ނައިބު ރައީސް މ. އަތޮޅު ކައުންސިލް މެމްބަރު މޫސާ ނަސީރު އަހުމަދާއި މަދަނީ ޖަމްއިއްޔާތަކުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުން އަންޔަންކޮށްފައިވާ މެމްބަރު އާމިރު އަލީ އާއި މާލެ ނިސްބަތްވާ ސިޓީ ކައުންސިލުން ޢައްޔަންކޮށްފައިވާ މެންބަރު ޝަމާއު ޝަރީފާއި އިދާރީ ދާއިރާތައް ނިސްބަތްވާ އަތޮޅުކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިޚާބު ކޮށްފައިވާ މެމްބަރުންގެ ތެރެއިން ހއ، ހދ، އަދި ށ ދާއިރާ ތަމްސީލްކުރައްވާ މެންބަރު ހުސައިން ނަސީރާއި އިދާރީ ދާއިރާތައް ނިސްބަތްވާ އަތޮޅު ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިޚާބު ކޮށްފައިވާ މެންބަރުންގެ ތެރެއިން ނ، ރ، ބ، އަދި ޅ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަންވަރު އިބްރާހީމާއި އިދާރީ ދާއިރާތައް ނިސްބަތްވާ އަތޮޅު ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިޚާބު ކޮށްފައިވާ މެންބަރުންގެ ތެރެއިން ލ، ގއ، ގދ، އަދި ޏ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އިބްރާހިމް ރަޝީދާއި ސިޓީ ކައުންސިލްތައް ތަމްސީލްކުރައްވާ މެންބަރު ހުސައިން ހިލްމީ އެވެ.

ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ދާދި ފަހުން އިއުލާންކޮށްފަ އެވެ. އެ ގޮނޑި ހުސްވީ މިދިއަ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ.