ދުނިޔެ

އިންތިހާބަށް ނުފޫޒުފޯރުވިކަމަށް ޓްރަމްޕުގެ ކުރީގެ ވަކީލު އިއުތިރާފުވެއްޖެ

Aug 22, 2018
1

ނިއު ޔޯކް (އޯގަސްޓް 22) - ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ނާޖާއިޒު ގުޅުން އޮތް ދެ އަންހެނަކަށް، އެ ވާހަކަ ނުދެއްކުމަށް ފައިސާދީފައިވާ ކަމަށް ޓްރަމްޕުގެ ކުރީގެ ވަކީލު ކޯޓުގައި އިއުތިރާފުވެއްޖެ އެވެ.

ޓްރަމްޕް ކާމިޔާބު ކުރެއްވި އިންތިހާބުގެ ކުރިން، ކެމްޕޭނު ފައިސާ ހަރަދު ކުރުމުގެ ގަވާއިދާ ހިލާފަށް، ފައިސާ ހަރަދުކޮށްފައިވާކަމަށް ޓްރަމްޕުގެ ކުޜިގެ ވަކީލު މައިކަލް ކޯހެން ވަނީ މިއަދު އެއްބަސްވެފަ އެވެ. އަދި އެކަން ކުރީ ސީދާ "ކެންޑިޑޭޓުގެ އެންގުމަށް" ކަމަށް ވެސް ކޯހެން ވަނީ ޓްރަމްޕްގެ ސީދާ ނަންފުޅު ބޭނުންނުކޮށް ކޯޓުގައި ބުނެފަ އެވެ.

އަދަބު ލުއި ކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ކޯހެން 51، ވަނީ ޓެކްސްއާއި ބޭންކަށް މަކަރުހަދާ އޮޅުވާލުގެ ތަފާތުއަށް ދައުވާއަކަށް އިއުތިރާފުވެފަ އެވެ. އެ ދެ އަންހެނުންނަށް ދިން ފައިސާ ހަމަޖައްސާފައިވަނީ، ކެމްޕޭނު ދުވަސްވަރު، ފޭކު ބިލްތަކެއް ހުށަހަޅައިގެންކަމަށް ކޯހެން ވަނީ އެއްބަސްވެފަ އެވެ.

ކޯހެން މިގޮތަށް އިއުތިރާފުވެފައިވަނީ، ޓްރަމްޕުގެ ކެމްޕޭނު މެނޭޖަރު ޕޯލް މެނަފޯޓު ވެސް ޓެކްސަށް މަކަރުހެދި ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ކޯހެންގެ އިއުތިރާފާއެކު، ޓްރަމްޕަށް ވެސް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް، ރައީސްގެ މަގާމުގައި ހުންނެވިހާ ދުވަހަކު ޓްރަމްޕަށް ޖިނާއީ ދައުވާ ކުރުން ވަރަށް ނާދިރު ކަމަށް ގާނޫނީ ތަކުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ޓްރަމްޕަށް އިތުބާރުނެތް ކަމަށް ފާސް ކޮށްފިނަމަ، ޓްރަމްޕް މަގާމުން ދުރުކުރެވޭނެ އެވެ. ނަމަވެސް. އެކަމަށްޓަކައި، ނޮވެމްބަރު މަހު އޮންނަ މިޑް ޓާމް އިންތިހާބުގައި ކޮންގްރެސްގެ މެޖޯރިޓީ ހޯދިގެންނެވެ. އެވަރުންވެސް، އިތުބާރުނެތް ކަމަށް ފާސްކުރަން، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ސަޕޯޓު ބޭނުންވާނެ އެވެ.

ކޯހެނަށް ހުކުމް ކުރުމުގެ ޝަރީއަތް ތާވަލު ކުރެވިފައިވަނީ ޑިސެމްބަރު 12 ދުވަހަށެވެ. އޭނާ މިހާރު 500،000 އެމެރިކާ ޑޮލަރު ދެއްކުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

މިކަމާ ގުޅިގެން ޓްރަމްޕް އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.