ދުނިޔެ

ޖަޕާނަށް އައި ބިންހެލުމުގައި 16 މީހުން މަރު

Sep 8, 2018

ޓޯކިޔޯ (ސެޕްޓެމްބަރު 8) - ޖަޕާނުގެ ހޮއްކައިޑޯ އަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 16 މީހުން މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު 6.7 މެގްނިޓިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގައި އެތަކެއް އިމާރާތެއް ވެއްޓި، ދަށުވެފައިވާ ތިބި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވުމުންނެވެ.

ބިންހެލުމުގެ ސަބަބުން، ހޮއްކައިޑޯގައި ދިރިއުޅޭ 1.6 މިލިއަން މީހުންނަށް ކަރަންޓުގެ ހިދުމަށްވެސް ވަނީ ކެނޑިފަ އެވެ. ހޮއްކައިޑޯއަށް ބިންހެލުން އައިސްފައިވަނީ، މިދިޔަ 25 އަހަރުގެ ތެރޭގައި ޖަޕާނަށް އެރި އެންމެ ބާރުގަދަ ތޫފާނާއި ގުޅިގެން، އެ ގައުމުގެ ހުޅަނގުން އޮންނަ ސިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވަނިކޮށެވެ.

ޖެބީގެ ނަން ދެވިފައިވާ ތޫފާނުގެ ސަބަބުން ޖަޕާނުގެ ހުޅަނގުން އޮންނަ ބޮޑެތި ސިޓީތައް ކަމުގައިވާ ކިޔޯޓޯ އަދި އޮސާކާއަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ތޫފާނު އެރުމާއި ގުޅިގެން، މިހާތަނަށް 10 މީހުން މަރުވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.