ދުނިޔެ

ޓައިވާނަށް ބިންހެލުމެއް، ހަތަރު މަރު

ޓައިވާނަށް މިއިން ޒަމާނަކުވެސް ނާންނަ ވަރުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ރެކޯޑްތައް ދައްކާ ގޮތުން ޓައިވާނަށް މިއަދު ވަނީ 7.7، 6.6 އަދި 6.3 ބާރުމިނުގެ ދެތިން ބިންހެލުން ޖެހިޖެހިގެން ތަޖުރިބާކޮށްފަ އެވެ.

މި ބިންހެލުމުގެ އަސަރު ޖަޕާނަށާއި ފިލިޕީންސަށް ވެސް ކުރި ކަމަށް މި ދެ ގައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ބުންޏެވެ.

ބިންހެލުމާ ގުޅިގެން ޓައިވާނާއި ޖަޕާން އަދި ފިލިޕީންސަށް ވެސް ސުނާމީ އިންޒާރު ދިން ކަމަށް މަސްދަރުތަކުން ބުނެ އެވެ. ނަމަވެސް ސުނާމީއެއްގެ އަސަރު ނެތުމުން އެ އިންޒާރު މިހާރު ވަނީ އުވާލާފަ އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްއިން ވެސް ސުނާމީގެ އިންޒާރު ނެރުނު ކަމަށް ބުންޏެވެ. އެ އިންޒާރު މިހާރު ބާތިލުކޮށްފައިވާ ކަމަށް އެ ވުޒާރާއިންވެސް ބުނެ އެވެ.

ޓައިވާނަށް އައި ބިންހެލުމުގެ ބާރުމިނަކީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ބިންހެލުމެއް ނަމަވެސް މާހިރުން ވިދާޅުވާ ގޮތުން ޓައިވާނަށް ބިންހެލުން އައި ގޮތުން ފަނާކުރަނިވި ގެއްލުންތަކެއް ނުލިބެ އެވެ.

މި ބިންހެލުމުގައި ހަތަރު މީހަކު މަރުވެ 97 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޓައިވާންގެ އިދާރާތަކުން ބުންޏެވެ.

ބިން އުސް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސް އުސް ބައެއް އިމާރާތްތައް އޮތީ އަރިއަޅާފަ އެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ގިނައީ ބިންހެލުން އައި ހިސާބުގައި -- އުސް ތަންތަނުގައި ތިބި މީހުން ކަމަށް ޓައިވާންގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

ޓައިވާން އޮންނަ ސަރަހައްދަކީ އަދި ހާއްސަކޮށް ޖަޕާނަކީ ބިންހެލުމަށް ފަރިތަ ގައުމެކެވެ. ޖަޕާނަށް އަހަރަކު އެތައް ބިންހެލުމެއް އައި ނަމަވެސް އޭގެ އަސަރު ޓައިވާނަށް އަދި ފިލިޕީންސަށް ބިރުގަންނަ ވަރަށް ކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޓައިވާނަށް މިއަދު އައި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ބިރުން ޝޮކް ޖެހިފަ އެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ހިސާބުގައި ދިރިއުޅޭ މީހުން ރައްކާތެރި ތަންތަނަށް ދިއުމަށްވެސް ސަރުކާރުން ވަނީ އަންގާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިތުރު ބިންހެލުމެއްގެ އަސަރު ފެންނަން ނެތުމާ އެކު ވެއްޓިފައި ހުރި އިމާރާތްތަކާއި ފަސްގަނޑު ކަނޑައިގެން ގޮސް ހުރި ހިސާބުތަކުގައި މީހުން ތާށިވެފައި ތިބިތޯ ބެލުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.