ދުނިޔެ

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނަށް ހަތިޔާރު ޖަމާކުރަނީ

ޖަޕާންގެ އަސްކަރިއްޔާ ބާރުވެރިކޮށް އަމިއްލަ ފައިމައްޗަށް ތެދުކުރުމަށްޓަކައި ފަނާކުރަނިވި ހަތިހާރު ގަންނަ ގޮތަށް މަޝްވަރާކުރަން ފަށައިފި އެވެ. އެމެރިކާގެ ޚަބަރުތައް ބުނާ ގޮތުން ޓޯކިޔޯގެ ވިސްނުމަކީ ފުރަތަމަ މަރުހަލާގައި 500 ޓޮމާހޯކް މިސައިލް ގަތުމެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ހަތިޔާރު އުފެއްދުމާއި ވިޔަފާރިކުރުން އަދި ފަނާކުރަނިވި ގޮތުގައި ހަތިޔާރުގެ ބޭނުންކުރުން ޖަޕާނުން އޮންނަނީ މަނާވެގެންފަ އެވެ. ޖަޕާނަށް ބޭނުންވާ ދިފާއީ ރައްކާތެރިކަން ފޯރިކޮށްދެނީ އެމެރިކާއިންނެވެ.

އެހެން ނަމަވެސް، ޓައިވާންގެ މަޝްރަހު މިހާރު އެނބުރެމުންދާ ގޮތުން އަސްކަރިއްޔާއަށް ވަގުތީ ހައްލެއް ހޯދައިދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ދައުލަތަށް އިހުސާސްކުރެވުނީ އެވެ.

ޓައިވާން އާއި ޗައިނާއާ ދެމެދު މިފަހުން ހުޅުގަނޑު ފަޅައިގެން ދިޔައީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ އޯގަސްޓްގައި ޓައިވާނަށް ކުރެއްވި ދަތުރުގެ ސަބަބުންނެވެ.

އަނެއްކޮޅުން އުތުރު ކޮރެއާއިން ފުލުފުލުން ޓެސްޓްކުރި މިސައިލްތައް ޖަޕާން ކަނޑަށް އަމާޒުކުރުމަކީ ވެސް އަސްކަރިއްޔާގައި ކޮންމެވެސް ފެންވަރެއް ހުންނަންވާނެ ކަމަށް ޓޯކިޔޯއަށް ގަބޫލުކުރެވުނު ސަބަބެކެވެ.

އުތުރު ކޮރެއާއިން ޓެސްޓްކުރި ބައެއް މިސައިލްތައް ޖަޕާނާ ވަރަށް ގާތަށް ވެއްޓި މިލްކުވެރި ސަރަހައްދަށް ލޮޅުންއަރުވާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޖަޕާނަކީ ހަތިޔާރާ ރައްޓެހި ގައުމެއް ނޫން ކަމަށް ޖަޕާންގެ ސާފިރެއްގެ ގޮތުގައި އެމެރިކާގައި ކުރިން ހުންނެވި އިޗިރޯ ފުޖިސާކީ ވިދާޅުވި އެވެ.

ޖަޕާނުން ލިބިގަންނަން މަސައްކަތްކުރާ ބާވަތުގެ ޓޮމާހޯކް މިސައިލަކީ ނިއުކްލިއާ އުފުލުމަށް ގާބިލު މިސައިލެއް ކަމަށް ބުނެވެ އެވެ. ޖަޕާން ބުނާ ގޮތުން މިސައިލް ހޯދި ނަމަވެސް ވިސްނުމަކީ ހަމަލާދިނުމަށް ވުރެ ހަމަލާތަކުން ދިފާއުވުމެވެ.

އެހެން ނަމަވެސް، ޖަޕާނުން ހޯދާ މިސައިލްތައް ޗައިނާއަށާއި އުތުރު ކޮރެއާއަށް ފޯރާނެ ކަމަށް ބުނެވެ އެވެ.