ދުނިޔެ

ޗައިނާ، ދެކުނު ކޮރެއާ އަދި ޖަޕާން މަޝްވަރާއަށް މޭޒު ދޮށަށް

ޗައިނާ, ޖަޕާން އަދި ދެކުނު ކޮރެއާގެ ވެރިން މަޝްވަރާއަށް އެއް މޭޒުދޮށަށް ވަޑައިގަންނަވަނީ އެވެ. މި ތިން ގައުމުގެ ލީޑަރުން ދެކުނު ކޮރެއާއަށް ވަޑައިގެން މިހާރު ތިއްބެވީ ވެރިރަށް ސޯލް ގައެވެ.

ސަރަހައްދީ މަސްލަހަތަށްޓަކައި މަޝްވަރާކުރުމަށް ބާއްވާ މި ބައްދަލުވުމުގައި ޗައިނާގެ ބޮޑުވަޒީރު ލީ ޗޭންގް އާއި ދެކުނު ކޮރެއާގެ ރައީސް ޔޫން ސަކް ޔޯލް އަދި ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަރަހައްދީ މަސްލަހަތު ފުށުއަރާފައި ހުރި ކަންތައްތައް ހައްލުކުރުމަށް ކޮންމެ ގައުމަކުންވެސް މަސައްކަތްކުރާނެ އެވެ. އަދި ސަރަހައްދީ ބައިވެރިންނަށް ހުރި ދަތިތަކަށް ކޮންމެ ގައުމަކުންވެސް ލުއި ދޭނެ އެވެ.

މި ތިން ލީޑަރުންގެ މައިގަނޑު މައުލޫގެ ތެރޭގައި ޓައިވާން ހިމެނެ އެވެ. ޓައިވާންއާ ޗައިނާގެ ގުޅުން އުދާސްވެފައި އޮތުމުން އޭގެ އާވިން ސަރަހައްދީ ގައުމުތައް ހިމާޔަތްކުރެވެން ހުރި ގޮތްތަކާ މެދުވެސް މަޝްވަރާކުރެވޭނެ އެވެ.

ދެކު؛ނު ކޮރެއާ އާއި އެމެރިކާއާ ދެމެދުގައި އޮތް ގާތް ގުޅުމަކީ ޗައިނާއަށް ވަރަށް ބޮޑު މައްސަލަ އެކެވެ. އަނެއްކޮޅުން ޓައިވާނަށް އަސްކަރީ ގޮތުން އެމެރިކާ ފޯރުކޮށްދޭ އެހީތެރި ކަމަކީވެސް ޗައިނާއަށް އޮތް ނުތަނަވަސް ކަމެކެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ވިސްނުމަކީ ޗައިނާއަށް ތަކުލީފްތަކެއް ޖެއްސުމެވެ. ޓައިވާންގެ އަސްކަރިއްޔާ ބާރުވެރިކުރުވައި ޗައިނާއާ ކުރިމަތިލެވޭ ވަރު ކުރުމަކީވެސް އެމެރިކާގެ ވިސްނުމެއް ކަމަށް ޗައިނާ ދެކެ އެވެ.

ޖަޕާން އާއި ދެކުނު ކޮރެއާ އަކީ ވެސް އެމެެރިކާއާ ވަރަށް ގާތް އަދި އެކުވެރި ދެ ގައުމެވެ. މި ދެ ގައުމުގައިވެސް އެމެރިކާގެ ސިފައިން އެބަ ތިއްބެެވެ. އަދި އެމެރިކާގައި އުފައްދާ އަސްކަރީ އާލާތްތައް މި ދެ ގައުމުގައިވެސް ވަރަށް ގިނަ އެވެ.

ތިން ލީޑަރުންގެ މަޝްވަރާ ބައްދަލުވުމާ ބެހޭ ގޮތުން އޮފިޝަލުން ވިދާޅުވަނީ ދެކުނު ކޮރެއާ އާއި ޖަޕާނުން އެމެރިކާއާ ކިތަންމެ ގާތް ނަމަވެސް އެކަމުން ޗައިނާއަށް އެއްވެސް ގެއްލުމަށް ނުވާނެކަން ޗައިނާއަށް ކަށަވަރުކޮށްދޭނެ ކަމަށެވެ. އަދި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާއާ ގުޅިގެން ދެކުނު ކޮރެއާ އާއި ޖަޕާނުން ކުރާ އެއްވެސް ކަމަކީ އެމެރިކާގެ މަޝްވަރާއަށް ކުރެވޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދެކުނު ކޮރެއާ އާއި ޖަޕާންގެ ރައްކާތެރި ކަމަށްޓަކައި ޗައިނާއިން އުތުރު ކޮރެއާއާ މަޝްވަރާނެ ކަމަށް ބެލެވެ އެވެ. އަދި އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގާމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ސަބަބުން މި ދެ ގައުމަށް ނުރައްކަލެއް ނެތްކަން ޗައިނާއިން ކަށަވަރުކޮށްދޭނެ ކަމަށްވެސް ސަރަހައްދީ ސިޔާސީ މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.