ދުނިޔެ

ދެކުނު ކޮރެއާ އާއި ޖަޕާން ދިފާއު ކުރުމަކީ ވާޖިބެއް: އެމެރިކާ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި ދެކުނު ކޮރެއާ އާއި ޖަޕާން ދިފާއުކޮށް ބެލެހެއްޓުމަށް އެމެރިކާ ވެފައި އޮތް ވަދު ދަމަހައްޓާނެ އެވެ. އެމެރިކާ ދެކެނީ އެއީ ވާޖިބު ދަރަޖާގައި އޮތް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނުގައި މިހާރު ވެސް އެމެރިކާ ސިފައިން ތިބެ އެވެ. އެ މީހުންގެ މައިގަނޑު އަމާޒަކީ އުތުރު ކޮރެއާ އެވެ. އުތުރުގެ ސަބަބުން ދެކުނަށާއި ޖަޕާނަށް ސަލާމަތާއި ރައްކާތެރި ކަމަށް ގޮތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް އެމެރިކާ ސިފައިން ތިބެނޭ ތައްޔާރަށެވެ.

ޖަޕާނާއި ދެކުނު ކޮރެއާ ގުޅުން ބަދަހި ކުރުމަކީ އެދެވޭ ކަމެއް ކަމަށް ބްލިންކެން ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އެ ގޮތުގައި ދެމެހެއްޓުމަކީ ވާދަވެރިންނާ ކުރިމަތިލުމުގައި ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދެކުނުގެ ފޮރިން މިނިސްޓަރު ޕާކް ޖިންއަށް ފޯނު ގުޅުއްވައި ބްލިންކެން ދެއްކެވި ވާހަކަތަކުގައި ސަރަހައްދީ މަސްލަހަތަށް ބައްލަވާލެއްވި އެވެ. އެގޮތުގައި އެންމެ ބޮޑު ވާދަވެރިކަމެެއް އޮތީ ޗައިނާ ފުށުން ކަމަށް ވިދާޅުވި އެވެ.

އެމެރިކާ ދެކޭ ގޮތުގައި އުތުރު ކޮރެއާ އާއި ޗައިނާ އަކީ އެމެރިކާ ވާދަކުރަން ޖެހޭ ދެ ގައުމެވެ. އެއީ ނިއުކްލިއާ ދެބާރަށް ވާއިރު، އުތުރު ކޮރެއާއިން ގެންދަނީ ދޭތެރެ ދޭތެރެއިން މިސައިލްތައް ޓެސްޓް ކުރަމުންނެވެ.

އަސްކަރީ ގޮތުން ބާރުގަ ގައުމަކަށް ވުމަށް އުތުރު ކޮރެއާ ކުރާ މަސައްކަތްތަކަށް ހުރަސްއަޅާނެ ކަމަށް އެމެރިކާ ބުނި ނަމަވެސް ހަތިޔާރުގެ އަޖުމަބެލުމަށް އުތުރުން ހިންގާ ޕްރޮގްރާމްތަކަށް ހުއްޓުމެއް ނާދެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުތުރު ކޮރެއާގައި އެންމެ ޒަމާނީ ހަތިޔާރު އެބަ ހުއްޓެވެ. އޭގެ ތެރޭގައި އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލާއި ލޭޒާ ހަތިޔާރު ހިމެނެ އެވެ.