ދުނިޔެ

އެމެރިކާގެ ޖާސޫސީ އުޅަނދުތައް އުތުރު ކޮރެއާގެ އީއީ ޒޯނަށް

އެމެރިކާގެ އަސްކަރީ ޖާސޫސީ މަތިންދާބޯޓުތައް އުތުރު ކޮރެއާގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަށް އެތައް ފަހަރަކު ވަދެ ނުކުމެފައިވާ ކަމަށް އެ ގައުމުން ތުހުމަތުކޮށްފި އެވެ.

އުތުރު ކޮރެއާގެ ނުފޫޒުގަދަ ލީޑަރު ކިމް ޖޮން އުން ގެ ކޮއްކޮ، ކިމް ޔޯ ޖޮންގް ދައުލަތުގެ މީޑިއާއަށް ވިދާޅުވި ގޮތުގައި އީއީ ޒޯނަށް ވަދެއްޖެ ދުޝްމަނަކަށް ނުކުމުގެން ދިއުން ދަތިވެދާނެ އެވެ.

ގަވައިދާ ޚިލާފަށް އީއީ ޒޯނަށް އެމެރިކާގެ އުޅަނދެއް ވަދެއްޖަނަމަ ހަމަލާދީ ވައްޓާލާނެ ކަމަށްވެސް އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ.

އުތުރު ކޮރެއާ އަށާއި ޖަޕާނަށް ވަފާތެރިވުމަށް ކަމަށް ބުނެ އެމެރިކާގެ އަސްކަރީ ޖާސޫސީ މަތިންދާބޯޓުތައް، އުތުރު ކޮރެއާގެ މަސްލަހަތު އޮންނަ އެއްވެސް ސަރަހައްދަކަށް ވަދެގެން ނުވާނެ ކަމަށްވެސް ކިމް ޔޯ ޖޮންގް ވިދާޅުވި އެވެ.

އެމެރިކާގެ ހަރަކާތްތައް އެ ސަރަހައްދުގައި އޮތް ގޮތް އުތުރު ކޮރެއާއަށް ނޭނގޭ ކަމަށް ހީކުރުމަކީ ފަހުން ހިތާމަކުރަން ޖެހިދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އުތުރު ކޮރެއާގެ މި ތުހުމަތުތައް ދޮގުކޮށް އެމެރިކާގެ ދިފާއި ވުޒާރާ، ޕެންޓަން އިން ބުނީ އެއީ ދޮގެއް ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާން ސަބްރީނާ ސިންގް ރިޕޯޓަރުންނަށް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އެ ދައްކަނީ ހަދަހަދައިގެން ދައްކާ ވާހަކަތަކެކެވެ.

އޭނާ އަދި ވިދާޅުވީ އެމެރިކާ އަކީ އެއްވެސް ގައުމުގެއްގެ މަސްލަހަތަށް އަރައިގަންނާނެ ގައުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އުތުރު ކޮރެއާއިން ވަނީ އެމެރިކާގެ އަސްކަރީ އުޅަނދުތައް ކަނޑުމަގުންނާއި ވައިގެ މަތުން އުތުރު ކޮރެއާގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަށް ވަދެފައިވާ ކަމުގެ ހެކިތައް -- ވަގުތާއި ދުވަހާއި އަދި އެ އުޅަނދުތައް އޮތްތައް އިއުލާންކޮށްފަ އެވެ.

ޕެންޓަގަން އަށް ރައްދުދީ އުތުރު ކޮރެއާއިން ބުނި ގޮތުގައި ދެން ފަހަރަކުން އީއީ ޒޯނަށް ވަދެއްޖަނަމަ ހަމަމާދީ ވައްޓާލާނެ ކަމަށެވެ. އަދި އެއިރުން އެ އުޅަނދެއް އޮތް ތަން އާންމުންނަށް ފޮޓޯތަކުން ފެންނާނެ ކަމަށެވެ.

ދެކުނު ކޮރެއާއަށް ދިން އިންޒާރެއް ގޮތުގައި އުތުރު ކޮރެއާއިން ބުނީ ސަރަހައްދީ މަސްހަލަތު ނަގާލުމުގެ ވިސްނުމުގައި ދުޝްމަނުންނަށް ދައުވަތު ދީގެން ހިންގާ ހަރަކާތައް ކުށްވެރިކުރާ ކަމަށެވެ.

ދެކުނު ކޮރެއާގެ އަމަލުތަކުގެ ސަބަބުން ދޭދޭ ގުޅުންތަކަށް ހެޔޮ ބަދަލެއް ދުވަހަކުވެސް ނާންނަނެ ކަމަށްވެސް އުތުރު ކޮރެއާ ބުނެ އެވެ.