ދުނިޔެ

ބުނެދޭން ބޭނުންވަނީ އުތުރު ކޮރެއާ އަކީ ވެސް ނިއުކްލިއާ ބާރެއްކަން: ކިމް ޖޮން އުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވި ގޮތުގައި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތައް ޓެސްޓްކުރަން މިހާތަނަށް ފޮނުވި ހުރިހާ މިސައިލެއް ވެސް ކާމިޔާބެވެ.

ކިމް އަދި ވިދާޅުވީ އުތުރު ކޮރެއާ އަކީ ނިއުކްލިއާ ގައުމެއްކަން ދުނިޔެ ގަބޫލުކުރަން ޖެހޭ ކަމަށާއި ނޯތު ކޮރެއާއަށް އަމާޒުވެދާނެ ކޮންމެ ނުރައްކަލަކުން -- އަދި އެއީ ނިއުކްލިއާ ހަމަލާއެއް ކަމަށްވި ނަމަވެސް، ރައްކާތެރިވުމުގެ ގާބިލުކަން ލިބިފައިވާ ކަމަށެވެ.

އުތުރު ކޮރެއާ އިން މި ފަހަކަށް އައިސް މިސައިލް ޓެސްޓްކުރުން ބޮޑު ބިރަކަށް ވެފައި ވަނިކޮށް ކިމް ޖޮން އުން މިވަނީ ދުނިޔެއަށް ބާރުގަދަ އަދި ނުރައްކާތެރި މެސެޖްތަކެއް ދެއްވާފަ އެވެ.

ޖަޕާން ކަނޑު ހުރަސްކޮށް ފުލުފުލުން މިސައިލްތަކެއް ޓެސްޓްކުރުމަށް ފަހު އަދި މިސައިލް ފޮނުވި މަންޒަރު ބައްވަން ވަޑައިގެން ކިމް ވިދާޅުވީ ބޭނުންފުޅު ވަނީ ދުޝްމަނުންގެ ހަލަމާތަކުން ރައްކާތެރިވުމުގެ ކުޅަދާނަކަން އުތުރަށް ލިބިފައި އޮތްކަން ދުޝްމަނުންނަށް ދެއްކެވުން ކަމަށެވެ.

އުތުރު ކޮރެއާ އިން އިއްޔެ ޓެސްޓްކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް "ވާސޮން-17" -- އާންމުކޮށް ކިޔާ ގޮތަށް ނަމަ "ފުރޭތަ ރޮކެޓް" އަކީ އެމެރިކާގެ މެދުތެރެއަށް ފޯރާވަރުގެ މިސައިލެކެވެ. މިއީ ނިއުކްލިއާ އުފުލުމުގެ ގާބިލުކަމާ އެކު އަމާޒަށް ދަތުރުކުރުމުގައި ކާމިޔާބު ރޮކެޓެއް ކަމަށް އުތުރުން ބުނެ އެވެ.

މި ޓެސްޓަށް ފަހު އުތުރު ކޮރެއާގެ ދައުލަތުގެ ޓީވީން އާމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މިސައިލް ޓެސްޓްކުރަން ހަމަޖައްސާފައި އޮތް ވަގުތަށް ވުރެ ކުރިން ކިމް ޖޮން އުން އެތަނަށް ވަޑައިގަނެ އެވެ. އަދި މިސައިލް ލޯންޗްކުރިއިރު އަތްޖައްވައި އުފާކުރައްވާ މަންޒަރު ފެނެ އެވެ.

އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާ ހެދި ޖަޕާނާއި ދެކުނު ކޮރެއާ އޮތީ ވަރަށް ޕްރެޝަރުގަ އެވެ. އެއިން މިސައިލެއް އަދި މިސައިލުން ބައެއް ޖަޕާނުގެ ބިމަށް އަދި ދެކުނު ކޮރެއާގެ ބިމަށް ވެއްޓުން ވާނީ ހަނގުރާމައެއްގެ ފެށުމަށެވެ.

މިފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ޖަޕާނައި ދެކުނުން މިހާރު ތިބީ ޝޮކުޖެހިފަ އެވެ. މުޅި އަސްކަރިއްޔާ ސަމާލު ކަމަށް ގެނެސް ހުޝިޔާރުވެ ތިބުމަށް އޮތީ އަންގާފަ އެވެ.

އަނެއްކޮޅުން ކޮރެއާ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިން ވެސް ތިބީ ޖަޕާނަށާއި ދެކުނު ކޮރެއާއަށް މަދަދުވެރިވާ ގޮތަށް ފޫގަޅައިގެންނެވެ.