ދުނިޔެ

ދެކުނު ކޮރެއާ ހިފަން ތައްޔާރުވާން ޖެހޭ: އުތުރު ކޮރެއާގެ ލީޑަރު

އެމެޖެންސީ ހާލަތެއްގައި ދެކުނު ކޮރެއާއަށް އަރައިގަނެ ސަރަހައްދަށް ބާރުގަދަކުރެވޭ ހާލަތެއްގައި ޕިޔޮންގްޔަންގް އޮންނަން ޖެހޭ ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގް ވިދާޅުވެއްޖެ އެވެ.

އުތުރު ކޮރެއާއަށް އޮތް އެންމެ ބޮޑު ދުޝްމަނަކީ ދެކުނު ކޮރެއާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުތުރު ކޮރެއާގައި އަސްކަރިއްޔާއެއް ގާއިމުކުރެވުނުތާ 76 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާއެއް ޝަރަފްވެރިކޮށްދެއްވާ ކިމް ދެއްކެވި ވާހަކާގައި، އަސްކަރިއްޔާއަށް އައްސަރިބަހާއި ސާބަސް ދެއްވި އެވެ.

ކިމް ވިދާޅުވި ގޮތުގައި ގައުމިއްޔަތެއް ދެހެމެއްޓުމުގައި އުތުރު ކޮރެއާއަށް ލިބުނު އެންމެ ބޮޑު ރައުސްމާލަކީ އަސްކަރިއްޔާ އެވެ. އޭނާ ވަނީ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި އުފާކުރައްވާފަ އެވެ.

އުތުރު ކޮރެއާ ތުހުމަތުކުރާ ގޮތުން ދެކުނު ކޮރެއާ ވަނީ މުޅި ސަރަހައްދު ދުޝްމަނުންނަށް – އެމެރިކާއަށް ވިއްކާލާފަ އެވެ.

ކޮރެއާ ސަރަހައްދު ނުރައްކަލަށް ހުށަހެޅުމުގެ ޒިންމާ ދެކުނު ކޮރެއާއިން ނަގަން ޖެހޭނެ ކަމަށްވެސް އުތުރުން ބުނެ އެވެ.

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއާ ދެމެދު 1950 – 1953 ގައި ހިނގައި ދިޔަ ކޮރެއާ ހަނގުރާމައަށްފަހު މި ދެ ގައުމުގެ ގުޅުން އަދިވެސް އޮތީ ހަރާބުވެފަ އެވެ. ދެ ގައުމުގެ ދެމެދުގައި ސުލްހަވުމަަށްޓަކައި އެއްވެސް ބާވަތެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެ އެވެ.

އުތުރު ކޮރެއާ ބުނާ ގޮތުން ދެކުނު ކޮރެއާއާ އެކު މަޝްވަރާއަށް ވިސްނާނީވެސް އެ ސަރަހައްދުން ދުޝްމަނުން ބޭރުކުރުމުންނެވެ.

ދެކުނު ކޮރެއާ ދިފާއުވުމަށް ކަމަށް ބުނެ އެ ގައުމުގައި އެމެރިކާ ސިފައިންނަށް ތިބެވޭ ގޮތަށް ގާނޫނު ބަދަލުކޮށް ދަނީ އަމަލުކުރަމުންނެވެ.

ދެކުނުން ބުނާ ގޮތުން އަވަށްޓެރިންގެ ފަރާތުން – އުތުރު ކޮރެއާގެ ބިރެއް ނެތްނަމަ، އެ ގައުމުގައި ބޭރު ގައުމެއްގެ ސިފައިން ނުބައިތިއްބާނެ އެވެ.

އެމެރިކާ ސިފައިން ދެކުނު ކޮރެއާއިން ބޭރުކުރުމަށް ފަހު ދެން ކަންތައް ހިނގައިދާނެ ގޮތާ މެދު ބެލެވެނީ ބިރުވެރިކަމެއް ގޮތުގައި ކަމަށްވެސް ދެކުނުން ބުނެ އެވެ.

އުތުރު ކޮރެއާގެ އަބަދުގެ ވިސްނުމަކީ ދެކުނު ކޮރެއާއަށް އަަރައިގަނެ މުޅި ސަރަހައްދު ހިފުން ކަމަށް ވާއިރު، އެމެރިކާ ސިފައިން ނެތް ހާލަތެއްގައި ދެކުނު ކޮރެއާއަށް ޕްރެޝަރު ބޮޑުވާނެ ކަމަށްވެސް ދެކުނު ކޮރެއާ ބުނެ އެވެ.