ދުނިޔެ

ހަތިޔާރަކީ ރަހުމެއް ނެތް އެއްޗެއް: އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ކޮންމެ ތަނަކަށް ހަމަލާ ދިނުމުގެ ކުޅަދާނަކަން ދެކުނު ކޮރެއާއަށް ލިބިފައިވާ ކަމަށް ވިދާޅުވެ، އެ ގައުމުގެ ޑިފެންސް މިނިސްޓަރު ސޯ ވޫ ދެއްކެވި ވާހަކަތަކަށް އުތުރުން ބިރުވެރި ޖަވާބެއް ދީފި އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ކޮއްކޮ ކިމް ޖޮންގް ޔޯ ވިދާޅުވީ ތަންދޮރު ނުބަލައި ދައްކާ ވާހަކަތަކުން ދެ ގައުމުގެ ގުޅުމަށް ހެޔޮ ބަދަލެއް ނާންނާނެ ކަމަށެވެ.

ސޯ ވޫ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއިން ބާރުގަދަ މިސައިލްތައް ޓެސްޓް ކުރަނީ ދެކުނަށް ބިރު ދެއްކުމަށެވެ. އޭނާ އަދި ވިދާޅުވީ އުތުރުން ލިބިގަންނަ އަސްކަރީ ބާރުވެރި ކަމަށް ދެކުނު ސަމާލުވާނެ ކަމަށާއި މިސައިލްތަކަށް ޖަވާބު ދެވޭ ވަރުގެ ގާބިލުކަން ދެކުނު ކޮރެއާގެ އަސްކަރިއްޔާގައި ހުރި ކަމަށެވެ.

އުތުރު ކޮރެއާގައި ވެރިކަން ކުރާ "ވޯކާސް ޕާޓީ އޮފް ކޮރެއާ" ހިންގުމުގައި ކޮއްކޮ ކިމް އަކީ ނުފޫޒު ގަދަ ކަނބަލެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޕިޔޮންގްޔަންގްއިން ވެސް ސަރަހައްދީ މަސްހަލަތަށް އިހުތިރާމްކުރާ ކަމަށާއި އަސްކަރީ ބާރުވެރިކަމާ ބެހޭ ގޮތުން އަނގަތަޅައި ނުހަދާ ކަމަށެވެ.

ކިމް ޖޮންގް ޔޯ ވިދާޅުވީ ދެކުނު ކޮރެއާގައި ހުރި އަސްކަރީ ބާރުވެރިކަމާ ބެހޭ ގޮތުން ފޮނިއަނގަ ތަޅަން ހަދައިގެން ސީރިއަސް މައްސަލަތަކެއްގެ ތެރެއަށް ވަންނަން ޖެހިދާނެ ކަމަށެވެ.

ކޮއްކޮ ކިމް މިގޮތަށް ވިދާޅުވި އުތުރު ކޮރެއާއަށް ނިސްބަތްވާ ގޮތަށް ސޯ ވޫ "ދުޝްމަނުން" މި ލަފުޒު ބޭނުން ކުރެއްވުމުންނެވެ.

މި މައްސަލައާ ބެހޭ ގޮތުން ވޯކާސް ޕާޓީގެ ސެކްރެޓަރީ ޕާކް ޖޮންގް ޗޮން ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ހަމަލާދޭން ޖެހިއްޖެ ނަމަ އެއީ ދިލަގަދަ ހަމަލާއަކަށް ވާނެ އެވެ. އޭނާ އަދި ވިދާޅުވީ ހަތިޔާރަކީ ރަހުމުކުރަން ދަންނަ އެއްޗެއް ނޫން ކަމަށެވެ. ވެރިރަށް ސޯލް އަޅިއަށް ހަދާލާނެ ކަމަށާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާ ވާގިނައްތާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.