ދުނިޔެ

ޖަޕާނަށް ނުރައްކާ އޮތް ނަމަ އުތުރު ކޮރެއާގެ ރޮކެޓްތަކަށް ހަމަލާދޭނެ: ޖަޕާން

އުތުރު ކޮރެއާ އިން މެއި 31 ގައި އަސްކަރީ ޖާސޫސީ ސެޓެލައިޓެއް އަޖުމަބެލުމަށް އުދުއްސާލި އެވެ. އެހެން ނަަމަވެސް، އުތުރު ކޮރެއާގެ ނޭޝަނަލް އޭރޯސްޕޭސް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަނުން އުންމީދުކުރި ގޮތަށް ސެޓެލައިޓް އޯބިޓަށް އުފުލޭ ގޮތެއް ނުވި އެވެ.

ސެޓެލައިޓް ގޮވައިގެން ދަތުރުކުރި މައި އުޅަނދުގެ އިންޖީނު ފޭލިވެ -- އެ އުޅަނދާ ގުޅިފައި ހުރި ހުރިހާ ބައިތަކެއް ރީނދޫ ކަނޑަށް ވެއްޓި އުންމީދު ފެނަށް ދިޔައީ އެވެ.

އުތުރު ކޮރެއާ އިން އަސްކަރީ ޖާސޫސީ ސެޓެލައިޓެއް އަޖުމަބަލަން އުޅޭކަން އިއުލާންކުރުމާ ގުޅިގެން ޖަޕާނާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާ ވަރަށް ބޮޑަށް ސަމާލުވި އެވެ. އެއީ އުތުރު ކޮރެެއާ އިން އަޅާފާނެ ޅައެއްޗެއްގެ ސަބަބުން ގައުމީ ސަލާމަތަށާއި ރައްކާތެރިކަމަށް ލިބިދާނެ ގެއްލުމަކަށް ބިރަށެވެ.

އުތުރު ކޮރެއާ އަށް އިންޒާރުދީ ޖަޕާނުން އެއިރު ބަޔާނެއް ވެސް ނެރުނެވެ. އެއީ ޖަޕާނަށް ނުަރައްކާ އޮތް ނަމަ އުތުރު ކޮރެއާގެ ރޮކެޓަށް ހަމަލާދީ ވައްޓާލާނެ ކަމަށް ބުނެ އެވެ.

ޖަޕާންގެ ވައިގެ ތެރެއަށް އުތުރު ކޮރެއާގެ ރޮކެޓެއް ނުވަތަ މިސައިލެއް ވަދެއްޖެ ނަމަ އެއްވެސް އިންޒާރަކާ ނުލައި ވައްޓާލާނެ ކަމަށް ޖަޕާންގެ އަސްކަރިއްޔާއިން ބުނެފައި އޮތް ބުނުން އެ ގޮތުގައި ދަމަހައްޓާނެ ކަމަށް އެ ގައުމުން އިއްޔެ ވެސް ވަނީ ބުނެފަ އެވެ.

ދެކުނު ކޮރެއާ އަށާއި ޖަޕާނަށް ނުރައްކާވާ ގޮތަށް އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އަދި ޖަމާއަތްތަކުން ކުށްވެރިކުރި އެވެ. ކަނޑު ދަތުރުކުރާ އުޅަނދު ފަހަރަށް ލިބިދާނެ ގެއްލުމަކާ މެދު ސަމާލުވުމަށް ވެސް ބައިނަލްއަގްވާމީ އިދާރާތަކުން -- އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ވެސް ހިމެނޭ ގޮތުން، އުތުރު ކޮރެއާ އަށް އެންގި އެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ދިން ޖަވާބެއް ގޮަތުގައި ޖޫން 4 ގައި އުތުރު ކޮރެއާ އިން ބަޔާނެއް ނެރުނެވެ. އޭގައި ބުނެފައި ވަނީ ކުރިއަށް މިސައިލް ޕްރޮގްރާމްތަކާ ގުޅުން ހުރި އެއްވެސް ކަމެއް އެ އޯގަނައިޒޭޝަނަށް ނާންގާނެ ކަމަށެވެ.

އުތުރު ކޮރެއާގެ މި ބަޔާނާ އެކު ޖަޕާނަށާއި ދެކުނު ކޮރެއާ އަށް ނުރައްކާ ބޮޑުވި އެވެ. އަދި އުތުރު ކޮރެއާ ކޮންމެ ބޭނުމަކު ރޮކެޓެއް ފޮނުވި ނަމަވެސް، ޖަޕާންގެ ވައިގެ ތެރެއަށް ވަދެއްޖެ ނަމަ މިސައިލުން ހަމަލާދީ ވައްޓާލާނެ ކަމަށް ރަސްމީކޮށް އުތުރު ކޮރެއާއަށް ދެވަނަ ފަހަރަށް އެންގި އެވެ.

މި ނިންމުން ވަކި ތާރީޚެއް ނެތި ދެމެހެއްޓުމަށް ވެސް ޖަޕާންގެ ޑިފެންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.