ދުނިޔެ

އުތުރު ކޮރެއާއިން ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ

އުތުރު ކޮރެއާއިން ނިއުކްލިއާ ޓެސްޓެއް ކުރަން އުޅޭ ކަމަށް ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސްގެ ވެރިޔާ ޕާކް ޖީވޮން ވިދާޅު ވެއްޖެ އެވެ. އޭނާ ވިދާޅުވީ ނިއުކްލިއާ ގާބިލުކަން އިތުރު ކުރަން އުތުރުން މަސައްކަތްކުރާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ޕާކް ވިދާޅުވި ގޮތުގައި މިފަހުން އުތުރުން އަޖުމަ ބަލަން ކަމަށް ބުނެ މާގިނަ މިސައިލްތަކެއް ޓެސްޓް ކުރަނީ އަމާޒެއް އޮވެގެން ކަމަށެވެ. ހަތިޔާރުގެ ރޭހުގައި އުތުރު ކޮރެއާ އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެކުނު ކޮރެއާގެ އާ ރައީސް، މަގާމާ ހަވާލުވެ ވަޑައިގަންނަވާ ދުވަސް، މެއި 10 އާ ދިމާކޮށް ބާރުގަދަ މިސައިލެއް ޓެސްޓް ކުރަން އުތުރުން ވިސްނާ ކަމުގެ ރިޕޯޓްތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކުނު ދެކުނު ކޮރެއާއަށް މެއި 20 ގައި ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ގޮތް ދައްކާލުމަށް ނިއުކްލިއާ ޓެސްޓެއް ކުރުމަކީ އުރުތުން ކޮށްފާނެ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

އުތުރު ކޮރެއާއިން މިހާރު ކުރަން އުޅޭ ކަމަކީ މިދާކަށް ދުވަހު އަޖުމަބެލި ބެލިސްޓިކް މިސައިލްތަކުގެ ބޮލުގައި ހަރުކުރެވޭ ވަރަށް ނިއުކްލިއާ ވޯހެޑް ފައްކާ ކުރުން ކަމަށް ވެސް އިންޓެލިޖެސްގެ ވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ދެކުނު ކޮރެއާ އަށާއި ޖަޕާނަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އުތުރުން ކޮށްފާނެ ކަމަކަށް ދެ ލޯ ތަންމިނަށް ހުޅުވައިގެން ތިބެން ޖެހިފައިވާ ކަމަށެވެ. އުތުރު ކޮރެއާއިން މިފަހަކަށް އައިސް އެކި ފެންވަރުގެ ބެލިސްޓިކް މިސައިލްތައް ވަނީ ޓެސްޓް ކޮށްފަ އެވެ. މިކަމާ ބެހޭ ގޮތުން އެމެރިކާ ބުނީ އުތުރުން ބޭނުންހާ ކަމެއް ކުރަންދެން ނުތިބޭނެ ކަމަށާއި ދަތި ކުރުންތައް އިހުނަށް ވުރެ ހަރުކަށި ކުރާނެ ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕުން އުތުރު ކޮރެއާއަށް އިންޒާރު ދިނުމަށް ދައްކާ ވާހަކަތަކަށް އިތުރުން އެއްވެސް ސަމާލުކަމެއް ނުދެ އެވެ. އެންމެ ކުޑަމިނުން ތިޔަ ކިޔަނީ ކީކޭހޭވެސް އަހާނުލައި މިސައިލް ޓެސްޓް ކުރުމުގައި ފުކެއް ދޫނުކޮށް ދަނީ ކުރިއަށެވެ.