ދުނިޔެ

އުތުރު ކޮރެއާގެ މިސައިލެއް ދެކުނު ކޮރެއާގެ އައްސޭރި ފަށަށް

އުތުރު ކޮރެއާއިން ފޮނުވާލި ބެލިސްޓިކް މިސައިލެއް ދެކުނު ކޮރެއާގެ އައްސޭރި ފަށުން 60 ކިލޯމީޓަރަށް ވުރެ ގާތަށް ވެއްޓިއްޖެ އެވެ.

މިއީ ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދާ މިހާ ކައިރިއަށް 1950 އަށް ފަހު އުތުރު ކޮރެއާގެ މިސައިލެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.

އުތުރުން މި ގޮތަށް އަމަލުކޮށްފައި މިވަނީ ވޮޝިންޓަނާއި ސޯލްއާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގެ ފަރިތަކުރުންތައް ކުށްވެރިކޮށް ރައްދުގައި ބިރުވެރި އަދި ބާރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޕިޔޮންގްޔަންގް އިން އިންޒާރު ދީފައި އޮތް ދަނޑިވަޅެއްގަ އެވެ.

ދެ ގައުމު ވަކިކޮށްފައި -- ބައިކޮށްފައި އޮންނަ ބޯޑަރާ ވަރަށް ގާތަށް އުތުރުން މިސައިލެއް ފޮނުވުމަކީ ކެތްކުރަން ދަތި ކަމެއް ކަމަށް ދެކުނުން ވަނީ ބުނެފަ އެވެ. މިއީ ވަރަށް ނާދިރު ކަމެއް ނަމަވެސް ފިޔަވަޅު ނާޅާ ނުތިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ކުރުރާސްތާ ބެލިސްޓިކް މިސައިލްގެ 10 މިސައިލް އުތުރުން ފޮނުވި އެވެ. އަދި އެ މިސަލްތަކުން މިސައިލެއް ދެކުނުން ކަންބޮޑުވާ ސަރަހައްދަކަށް ވެއްޓުނެވެ.

ދެ ކޮރެއާ ދެމެދުގައި އިން ވަކިކުރަން ކަނޑައަޅައި 1953 ގައި ފާހަގަކުރި ވަކި ސަރަހައްދަކީ ލިޔެކިޔުމުން ދެ ގައުމު ވަކިކުރާ ރަސްމީ ބޯޑަރަށް ނުވި ނަމަވެސް ސިޔާސީ ގޮތުން މުއާމަލާތް ކުރަނީ އެ ސަރަހައްދުން ބިއްދޮށަށް އަނެއް ގައުމަށް ބާރު ނުހިންގޭ ގޮތަށެވެ.

އެހެންކަމުން، ދެކުނު ކޮރެއާއަށް ނިސްބަތްކުރެވޭ މެރިޓައިމް ސަރަހައްދާ ގާތަށް ދެވޭ ކޮންމެ ހަމަލާ އަކީ ޓެރަރިސްޓް ހަމަލާއެއް ގޮތަށް ބަލަނީ އެވެ.

ޚަބަރުތައް ބުނާ ގޮތުން މިސައިލް ވެއްޓުނީ އެއްގަމަށް ބެލެވޭ ސަރަހައްދަކަށް ނޫން ނަމަވެސް، ދެކުނު ކޮރެއާގެ ރަށެއް ކަމަށްވާ އުލެއުންގްއަށް ހަމަލާއެއް އަންނަ ކަމަށް އެނގުމަށް އިންޒާރީ ރަނގަބީލު ވަނީ ޖަހާފަ އެވެ.

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި ދެ ގައުމުން ކުރެ ކޮންމެ ގައުމަކުން ވެސް ދައްކަނީ އަތުގައި ބާރުހުރި ކަމެވެ.

ކޮންމެ ގައުމެއްގައި ވެސް ބާރުގަދަ ހަތިޔާރު ހުރި ކަމަށް ދައްކަން ހަދައިގެން ތާކުންތާކު ނުޖެހޭ ހާދިސާތައް ހިނގައި މަޝްރަހު ހޫނުވުން ނޫން ކަމެއް މިފަދަ އަމަލުތަކުގެ ސަބަބުން ނުވެ އެވެ.