ދުނިޔެ

އެއީ އަސްކަރީ ސެޓެލައިޓެއެއް ނޫން: ދެކުނު ކޮރެއާ

އުތުރު ކޮރެއާއިން މިއަހަރުގެ ކުރީކޮޅު -- މެއި 31 ގައި އަސްކަރީ ސެޓެލައިޓެއް ޖައްވަށް ފޮނުވާނެ ކަމަށް ބުނުމުން ދުނިޔެ އެމެޖެންސީވި އެވެ. ޚާއްސަކޮށް އަވަށްޓެރި ދެ ގައުމު -- ޖަޕާނަށާއި ދެކުނު ކޮރެއާއަށް އެކަންވީ ބޮޑު ބިރުވެރި ކަމަކަށެވެ.

އަސްކަރީ ސެޓެލައިޓުން ޖަޕާންގެ ސަރަހައްދަށް ކިތަންމެ ކުޑަ އެތިކޮޅެއް ވެއްޓުނު ނަމަވެސް، ބަދަލުގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޖަޕާން އޮތީ އިންޒާރު ދީފަ އެވެ. އަޅަން ޖެހިދާނެ ރައްދު ފިޔަވަޅަކަށް ޓަކައި ދެކުނު ކޮރެއާ އަސްކަރިއްޔާގެ ވެރިން ނުނިދާ ދަމަށް ތިބިކަންވެސް ޚަބަރުތަކުން އެނގެ އެވެ.

އެހެން ނަމަވެސް، އުތުރު ކޮރެއާއިން ފޮނުވި ސެޓެލައިޓް އޯބިޓަށް އެރުމުގެ މާކުރިން ވަނީ ފޭލިވެފަ އެވެ. އުދުއްސާލި ތަނުން ގޮވައި އޭގެ ބައިތައް ވަނީ ކަނޑަށް ވެއްޓިފަ އެވެ.

ދެކުނު ކޮރެއާ އިން މިހާރު ބުނަނީ އުތުރު ކޮރެއާއިން ފޮނުވީ އަސްކަރީ ސެޓެލައިޓެއް ނޫން ކަމަށެވެ. ސެޓެލައިޓުން ކަނޑަށް ވެއްޓުނު ބައެއް ބައިތައް ދެކުނު ކޮރެއާއަށް ލިބިފައިވާއިރު އެ ގައުމުން ވަނީ އޭގެ އަސްލު ހޯދުމަށް ދިރާސާކޮށްފަ އެވެ.

އުތުރު ކޮރެއާގެ އަސްކަރީ ސެޓެލައިޓަކީ އަސްކަރީ ހުރިހާ ގާބިލުކަމެއް ހުރި ސެޓެލައިޓެއް ކަމަށް އިތުރު ކޮރެއާއިން އޮތީ ބުނެފަ އެވެ. ދެކުނު ކޮރެއާ އާއި ޖަޕާނަށް އަމާޒުކޮށް އުތުރު ކޮރެއާއިން ފޮނުވަން މަސައްކަތްކުރި ސެޓެލައިޓްގައި -- ބާރުގަދަ ރާޑަރާއި، ކެމެރާ އަދި ސެންސަރުތައް ހިމަނާނެ ކަމަށް އުތުރުން އޮތި ބުނެފަ އެވެ.

އެހެން ނަމަވެސް، ދެކުނު ކޮރެއާއިން ބުނާ ގޮތުން އުތުރުގެ ސެޓެލައިޓްގައި އެ މީހުން ދައުވާކުރި ފަދަ އެކައްޗެއް ވެސް ނެތެވެ. އެއީ އަސްކަރީ ސެޓެލައިޓަކަށް އެއްގޮތަކަށް ވެސް ދަރަޖަ ކުރެވޭނެ ސެޓެލައިޓެއް ނޫން ކަމަށްވެސް ދެކުނުން ބުނެ އެވެ.

އުތުރު ކޮރެއާ ބުނާ ގޮތުން ސެޓެލައިޓް ފޭލިވުމަކީ ލިބުނު ހިތްވަރެކެވެ. އަދި އެއީ ހަރުދަނާ ފިލާވަޅެއް ކަމަށްވެސް އެ ގައުން އޮތީ ބުނެފަ އެވެ.

ފުރަތަމަ ސެޓެލައިޓުން ލިބުނު ފިލާވަޅުން އުނގެނި އަދި ވަރަށް ރަނގަޅަށް "ހޯމްވޯކް" ހެދުމަށް ފަހު ދެވަނަ އަސްކަރީ ސެޓެލައިޓެއް އުދުއްސާލާނެ ކަމަށްވެސް އުތުރު ކޮރެއާއިން އޮތީ ވައުދުވެފަ އެވެ.

އުތުރު ކޮރެއާގެ އަސްކަރިއްޔާ ގާބިލުކުރުވުމަށް ކަމަށް ބުނެ ހިންގަމުން ގެންދާ މިސައިލް ޕްރޮގްރާމަކީ ދެކުނު ކޮރެއާ އަށާއި ޖަޕާނަށް ވަރަށް ބޮޑު އުނދަގުލަކަށް އޮތީ ވެފަ އެވެ. މިސައިލް ޓެސްޓްކުރުމުގެ ތެރޭގައި އެއިން އެއްވެސް ބައެއް ޖަޕާންގެ ވައިގެ ތެރެއަށް އޮޅުމަކުން ވަތް ނަމަވެސް، މިސައިލުން ހަމަލާދީ ވައްޓާލާނެ ކަމަށް ޖަޕާނުން އޮތީ ބުނެފަ އެވެ.