އުތުރު ކޮރެއާގެ ލީޑަރު ކިމް ކޮން އުން ވިދާޅުވި ގޮތުގައި ދުޝްމަނުންނާ ކުރާނެ މަޝްވަރާއެއް ނެތެވެ. އޭނާ ވިދާޅުވީ އެ މީހުން ވެސް އެ ތިބީ ގޮތެއް ނިންމައިގެން ކަމަށާއި އުތުރަށް ވެސް ގޮތެއް އޮތް ކަމަށެވެ.
ގައުމު ވަށާލަން ދުޝްމަނުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެ ކިމް ވިދާޅުވި ގޮތުގައި މިސައިލް ޓެސްޓްތަކަކީ ގައުމުގެ ދިފާއުގައި ކޮންމެހެން ވާންޖެހޭ ތައްޔާރީތަކެކެވެ.
ޖަޕާނު މަތިން ބެލިސްޓިކް މިސައިލް ފޮނުވާލުމުގެ ސަބަބުން ފާޑުކިޔުމާއި ނުރުހުން އުތުރަށް އޮތީ އަމާޒުވުފަ އެވެ. އަނެއްކޮޅުން މާއަވަސް އަވަހަށް ބެލިސްޓިކް މިސައިލް ޓެސްޓްކުރުން ވެސް ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.
އުތުރުން ޖަޕާން މަތިން ފޮނުވާލި ބެލިސްޓިކް މިސައިލާ ގުޅިގެން މަސްރަހު ނުތަނަވެސް ވެފައި އޮއްވައި އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން އަސްކަރީ ފަރިތަކުރުން ތަކެއް ވަނީ ބާއްވާފަ އެވެ.
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދުގައި އޮތް ޒަމާންވީ ވާދަވެރިކަމުގެ ތެރެއަށް އެމެރިކާ ވަދެ -- ދެކުނު ހިމާޔަތްކުރުމުގެ ނަމުގައި އެ ގައުމުގައި ދެމިތިބުމަކީ އުތުރުން ގަބޫލުކުރާ ކަމެއް ނޫނެވެ.
އުތުރު ކޮރެއާ ބުނާ ގޮތުން ޖަޕާންގައި އެމެރިކާ ސިފައިން ތިބުމަކީވެސް ސަރަހައްދަށް އޮތް ނުރައްކަލެެކެވެ. ސަރަހައްދީ މިނިވަންކަން ގެއްލުވާލުމަށް ދުޝްމަމުންނަށް [އެމެރިކާ] އަށް ދައުވަތު ދިނުމަކީ ދެކުނަށާއި ޖަޕާނަށް ހެދިފައި އޮތް ގޯހެއް ކަމަށް ވެސް އުރުތުން ގަބޫލުކުރެ އެވެ.
ޖަޕާނާއި ދެކުނު ކޮރެއާގައި ތިބި އެމެރިކާ ސިފައިންނާ ކުރިމަތިލެވޭ ވަރަށް އުތުރުން ތައްޔާރުވުމަކީ ހަނގުރާމަ އިއުލާންކުރުން ނޫން ކަމަށް އުތުރުން ބުނެ އެވެ. އެހެން ނަމަވެސް ދުޝްމަނުންގެ ހަމަލާއެއް ކޮންމެ ވަގުތެއްގައި އެރި ނަމަވެސް ރައްކާތެރި ވެވޭ ވަރު ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ބޭއްވި އަސްކަރީ ފަރިތަކުރުން ތަކުގައި ނިއުކްލިއާ ގާބިލުކަން ހުރި އުޅަނދު ވަނީ ބޭނުންކޮށްފަ އެވެ. އެމެރިކާ އާއި ދެކުނުގެ މި އަމަލަކީ އުތުރުރަށް ދޫކުރެއް ނެތް ކަމަށް ބުނެ ދިން ރައްދެއް ކަމަށް އުތުރުން ގަބޫލުކުރެ އެވެ.