ދުނިޔެ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ރައްކާތެރިކަން ވަރުގަދަކުރަނީ

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން އަވަހާރަކޮށްލަފާނެ ކަމަށް ބަލައި އެނާގެ ރައްކާތެރިކަން ވަރުގަދަކޮށްފައިވާ ކަމަށް ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު -- އެ ގައުމުގެ ޖާސޫސީ އިދާރާއާ ހަވާލާދީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކިމް ޖޮން އުން ތަނަކަށް ނުކުމެވަޑައިގަތް ނަމަވެސް އޭނާ ވަށައިގެން ރޭޑިއޯ ވޭވް ޖޭމަރުތަކާއި މީހުންގެ ހަރަކާތްތަކަށް ފާރަވެރިވާ ޑްރޯންތައް ބޭނުންކުރާ ކަމަށެވެ.

ހަށިފާރަވެރިންނާއި ހީޓްމެޕިން އަދި މިސައިލް ޑިފެންސްތައްވެސް އޭނާއަށްޓަކައި ތައްޔާރުކޮށްފައި ހުންނަ ކަމަށް ދެކުނު ކޮރެއާގެ މެމްބަރު ވިދާޅުވި އެވެ.

އެމެރިކާ ގަބޫލުކުރާ ގޮތުން ދެކުނު ކޮރެއާ ފަދައިން ބަސްއަހާ ގައުމަކަށް އުތުރު ކޮރެއާ ބަދަލުކޮށްނުލެވިގެން އުޅެނީ ކިމް ޖޮން އުންގެ ސަބަބުންނެވެ. އޭނާގެ އާއިލާ އިން ވެރިކަމަށް ނުކުމެވަޑައިގަތް ކޮންމެ ލީޑަރަކީ ވެސް އެމެރިކާއާ ދުރު ރޭވުންތަކެއް ގެންގުޅުއްވި ލީޑަރެކެވެ.

އުތުރު ކޮރެއާ ގަބޫލުކުރާ ގޮތުން އެ ގައުމަށްވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ ދެކުނު ކޮރެއާ އާއި އެމެރިކާ އެވެ.

ކޮރެއާ ސަރަހައްދަށް އެމެރިކާގެ އަސްކަރިއްޔާ ގެނުވި ބަޔަކީ ދެކުނު ކޮރެއާ ކަމަށް އުތުރު ކޮރެއާއިން ބުނެ އެވެ. އަދި އެމެރިކާގެ ސަބަބުން އުތުރު ކޮރެއާގެ ރައްކާތެރި ކަމަށް ހުރަސްއެޅިފައިވާ ކަމަށްވެސް އުތުރު ކޮރެއާއިން ބުނެ އެވެ.

އުތުރު ކޮރެއާގެ ފަރާތުން ދެކުނު ކޮރެއާ އަށާއި އެމެރިކާއަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ އުތުރު ކޮރެއާ ސިފައިން ރަޝިއާ ސިފައިންނާ ގުޅިގެން ޔުކްރޭންގައި ހަނގުރާމަކުރުމެވެ.

ދެކުނު ކޮރެއާ ތުހުމަތުކުރާ ގޮތުން އުތުރު ކޮރެއާ ސިފައިން ޔުކްރޭންގައި މިހާރުވެސް އެބަ ތިއްބެވެ. ރަޝިއާ ސިފައިންނާ އެކު ޔުކްރޭން ސިފައިންނާ ދެކޮޅަށް ހަނގުރާމަކޮށް -- ޔުކްރޭންގެ ބައެއް ބިންތައް އަތުލާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

އުތުރު ކޮރެއާ ސިފައިން ރަޝިއާ ސިފައިންނާ އެކު ޔުކްރޭންގައި ހަނގުރާމަކުރާނަމަ އެމެރިކާގައި އުފައްދާ ހުރިހާ ބާވަތެއްގެ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ޔުކްރޭނަށް ދޭނެ ކަމާށް އެމެރިކާ ވަނީ ބުނެފަ އެވެ.