އުތުރު ކޮރެއާގެ ހާރިޖީ ވަޒީރު ޗޯ ސޮން ހުއީ ރަސްމީ ދަތުރެއްގައި ރަޝިއާއަށް ވަޑައިގެންފި އެވެ.
މިއީ އުތުރު ކޮރެއާ ސިފައިން ރަޝިއާގައި ތިބި ކަމަށް ބުނެ ދެކުނު ކޮރެއާ އާއި އެމެރިކާއިން ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް އުތުރު ކޮރެއާގެ ހާރިޖީ ވަޒީރު ރަޝިއާއަށް ކުރެއްވި ދަތުރެކެވެ.
އުތުރު ކޮރެއާ ސިފައިން ރަޝިއާއަށް ދަތުރުކުރާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށް ބުނެ މި މަހު ކުރީ ކޮޅުން ފެށިގެން ދެކުނު ކޮރެއާ އާއި އެމެރިކާއިން ދަނީ ޝަކުވާކުރަމުންނެވެ.
ދެކުނު ކޮރެއާ ބުނާ ގޮތުން އުތުރު ކޮރެއާ ސިފައިން މި ގޮތަށް ހަރަކާތްތެރިވާނަމަ އެއީ ދެކުނު ކޮރެއާގެ ގައުމީ ސަލާތަމަށް އޮތް ބޮޑު ނުރައްކަލެކެވެ.
އުތުރު ކޮރެއާ ސިފައިން ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާއަށް ނާރާނެ ކަމަށް ބަލައިގެން ތިބުމަކީ މި ހާލަތުގައި ހެދިދާނެ ވަރަށް ބޮޑު ގޯހެއް ކަމަށްވެސް ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.
ރަޝިއާގެ ތާސް އޮންލައިން ނޫސް ބުނާ ގޮތުން ރަޝިއާ އާއި އުތުރު ކޮރެއާގެ ރަސްމީ މަޝްވަރާތައް މިއަދު އޮންނާނެ އެވެ. މަޝްވަރާތަކަށްޓަކައި ޗޯ މޮސްކޯއަށް ވަޑައިގަންނަވާނީ ބުދަ ދުވަހުގެ ވަގުގެއްގައި ކަމަށް އޮފިޝަލުން ވިދާޅުވާ ކަމަށް ތާސް ނޫހުން ބުނެ އެވެ.
އުތުރު ކޮރެއާ އާއި ރަޝިއާގެ ރަސްމީ މަޝްވަރާތައް އޮންނާނީ ކޮން ފެންވަރެއްގައިކަން އަދި ނޭނގެ އެވެ. އަދި އުތުރު ކޮރެއާގެ ހާރިޖީ ވަޒީރު ބައްދަލުކުރައްވާނީ ރަޝިއާގެ ކޮން ވެރިއަކާ ކަމެއްވެސް ނޭނގެ އެވެ.
އެމެރިކާ ބުނާ ގޮތުން ރަޝިއާ ސިފައިންނާ އެކުވެގެން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަކުރުމަށް އުތުރު ކޮރެއާގެ 10،000 އަށް ވުރެ ގިނަ ސިފައިން މިހާރުވެސް ތިބީ ރަޝިއާއަށް އެތެރެވެ އެވެ.
ރަޝިއާއަށް އެހީތެރިވުމަށް އުތުރު ކޮރެއާ ސިފައިން ޔުކްރޭންގައި ހަރަކާތްތެރިވާނަމަ އެ މީހުން ސީދާކޮށް ހަމަލާދިނުމަށްވެސް އެމެރިކާ އޮތީ ގޮވާލާފަ އެވެ.
ރަޝިއާގައި އުތުރު ކޮރެއާ ސިފައިން ތިބިކަން ޔުކްރޭނަށް ކަށަވަރުކުރެވިއްޖެނަމަ ރަޝިއާގެ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ހުއްދަ ދޭނެ ކަަމަށްވެސް އެމެރިކާ ވަނީ ބުނެ އިންޒާރު ދީފަ އެވެ.
އުތުރު ކޮރެއާ ސިފައިން ރަޝިއާގައި ތިބި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރަޝިއާއިން ކުށްވެރިއެއް ނުކުރެ އެވެ. އަދި އެއީ ދޮގެއް ކަމަކަށް ވެސް ނުބުނެ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ ސިފައިން ރަޝިއާގައި ތިބުމަކީ ބަޔަކާ ބެހޭ ކަމަކަށް ވެގެން ނުވާނެ އެވެ. އެއީ ރަޝިއާގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.