ދުނިޔެ

ޕޫޓިން-ކިމް ސަމިޓާ ގުޅިގެން ސަރަހައްދީ ރައްކާތެރިކަން ވަރުގަދަކުރަނީ

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އުތުރު ކޮރެއާއަށް ކުރެއްވި ދަތުރާ ގުޅިގެން ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެކުނު ކޮރެއާ އާއި ޖަޕާން އަދި އެމެރިކާއިން މަޝްވަރާކޮށްފި އެވެ.

ޕުޓިން އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ލީޑަރު ކިމް ޖޮން އުންއާ އެކު އަސްކަރީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.

މި ދަތުރަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕޫޓިން ވިދާޅުވީ އުތުރު ކޮރެއާގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް ދުރު ރާސްތާ މިސައިލް ފޯރުކޮށްދޭނެ ކަމަށެވެ.

ރަޝިއާއަށް ހަމަލާދިނުމަށް ދެކުނު ކޮރެއާއިން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ކުށްވެރިކުރައްވައި ޕޫޓިން ވިދާޅުވީ އުތުރު ކޮރެއާއަށް ދުރު ރާސްތާ މިސައިލް ފޯރުކޮށްދިނުމަކީ ރަޝިއާއަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

ރަޝިއާއަށް ނުވަތަ އުތުރު ކޮރެއާއަށް ތިންވަނަ ގައުމަކުން ހަމަލާދީފިނަމަ އަސްކަރީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދިނުމަށްވެސް ޕޫޓިން-ކިމް ސަމިޓްގައި ވަނީ އެއްބަސްވެފަ އެވެ.

ޕޫޓިން-ކިމް ސަމިޓްގައި ހިނގާދިޔަ ކަންތައްތަކަށް ފާރަވެރިވުމަށް ދެކުނު ކޮރެއާ އާއި ޖަޕާން އަދި އެމެރިކާއިން ވަނީ މަސައްކަތު ގުރޫޕެއްވެސް އުފައްދާފަ އެވެ. މި ގުރޫޕަށް އޮތް ވާޖިބަކީ ތިން ގައުމުގެ މެދުގައި ދޭތެރެ ދޭތެރެއިން ބައްދަލުވުންތައް ބޭއްވުމެވެ. އަދި އުތުރު ކޮރެއާއަށް ޖާސޫސްކުރުމާއި ރަޝިއާގެ ހަރަކާތްތަކަށް ފާރަވެރިވުމެވެ.

އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް ދީފާނެ ހަމަލާއަކަށް ފާރަވެރިވުމަށް ޖަޕާނާއި އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ. މިގޮތުން ދޭ އެއްބާރުލުމަކީ އިންޓެލިޖެންސް ހިއްސާކުރުމާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެމެރިކާގެ ސެޓެލައިޓްތައް ބޭނުންކޮށްގެން ޖާސުސްކުރުމާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މެރިޓައިމް ހަރަކާތްތައް ކުރިއަށްވުރެ ހުޝިޔާރުކަމާ އެކު ބެލެހެއްޓުމަށްވެސް ދެކުނު ކޮރެއާ އާއި ޖަޕާން އަދި އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ.