އުތުރު ކޮރެއާ ސިފައިން ރަޝިއާ ސިފައިންނާ ގުޅިގެން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަކުރުމަކީ ބަޔަކާ ބެހޭ ކަމަކަށް ވެގެން ނުވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ޕޫޓިން އަދި ވިދާޅުވީ ޔުކްރޭން ބޭނުންހާ ގޮތަކަށް ހުޅަނގަށް ދައުވަތުދީގެން ރަޝީއާގެ އިމަށް ނޭޓޯ ސިފައިން ޖަމާކޮށް އަދި ނުވީތާކަށް ނޭޓޯގައި ބައިވެރިވާން ޔުކްރޭނަށް މަސަައްކަތްކުރެވޭއިރު، ރަޝިއާގެ ކަރާމާތަށްޓަކައި، އަސްކަރީ ބާރުތައް ރުކުރުވާލުން މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ.
އުތުރު ކޮރެއާ ސިފައިން ރަޝިއާއަށް ދަތުރުކުރާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށް ދެކުނު ކޮރެއާއިން އޮތީ ބުެނެފަ އެވެ. މިކަމާ ގުޅިގެން އެމެރިކާއިން ބުނީ އުތުރު ކޮރެއާގެ 3،000 ސިފައިން ރަޝިއާއަށް ފޮނުވާފައިވާކަން ކަށަވަރު ކަމަށެވެ.
ރަޝިއާގެ މި އަމަލަކީ ޔުކްރޭން ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމެއް ކަމަށް ބުނެ އެމެރިކާއިން ވަނީ ރަޝިއާއަށް އިންޒާރުދީފަ އެވެ.
އުތުރު ކޮރެއާ ސިފައިން ޔުކްރޭން ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ކަމަށް ޔުކްރޭނުން ވެސް ވަނީ ބުނެފަ އެވެ. ރަޝިއާއަށް މިހާރު ލިބިފައި އޮތް ހިތްވަަރަކީ އުތުރު ކޮރެއާ ސިފައިން ކަމަށް ވެސް ޔުކްރޭނުން ބުންޏެވެ.
ޕޫޓިން ވިދާޅުވި ގޮތުން ކަމެއް އިޚުތިޔާރުކުރައްވަން ޖެހިވަޑައިގެންފި ނަމަ އެކަމެއްގައި އޮންނާނީ އަމަލީ ސިފަ ޖެހިފަ އެވެ. ގައުމުގެ ސިޔާދަތަށް ބަޔަކު ތޮޅެން އެުޅެފި ނަމަ، އެކަމަކާ ދެކޮޅަށް ރަޝިއާ ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ރަޝިއާ އަތުގައި ބާރުގަދަ ހަތިޔާރު ހުރި ކަމަށް ޕޫޓިން ވިދާޅުވި އެވެ. އެކަމަކު އެއީ ބަޔަކާ ދެކޮޅަށް ބޭނުންކުރަން މަޖުބޫރު އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަތިޔާރު ބޭނުންކުރަން ބަޔަކު މަޖުބޫރުކޮށްފި ނަމަ ރަޝިއާ ފަސް ނުޖެހޭނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ރަޝިއާއަށް މިފަދަ ހާލަތެއް މެދުވެރިގެން ހަތިޔާރެއް ބޭނުންކޮށްފި ނަމަ -- އެއަށް ވުރެ މިވެނި ހަތިޔާރެއް ބޭނުންކުރި ނަމައޭ އެކަކުވެސް ބުނާނެ ކަމެއް ނެތް ކަމަށް ރައީސް ޕޫޓިން ވިދާޅުވި އެވެ.
ދުޝްމަނުންނާ ދެކޮޅަށް ބޭނުންކުރާނީ ކޮން ބާވަތެއްގެ ހަތިޔާރެއްތޯ ބަލައި ޗެކްކޮށް ނިންމާނީ ރަޝިއާޣެ އަސްކަރިއްޔާއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާގައި އުތުރު ކޮރެއާ ސިފައިން ނެތް ކަމަށް ރައީސް ޕޫޓިން ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ މި އަހަރު ޖޫންގައި އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ލީޑަރު ކިމް ޖިން އުން އާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށެވެ.
އެ އެއްބަސުމުގެ މާއްދާއަކާ ހަވާލާދެއްވައި ޕޫޓިން ވިދާޅުވީ -- މި އެއްބަސްވުމުގައި ހިމެނޭ ގައުމަކުން ކުރެ ގައުމަކަށް ކުލީ ސިފައިން އަރައިގެންފި ނަމަ ނުވަތަ ބަޣާވާތަކަށް ދައުލަތުގެ ދުވަސް ދުއްވާލަން ބަޔަކު ރާވަމުންދާ ނަމަ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެހީތެރިކަން ފޯރުކޮށްދޭނީ ކޮން ގޮތަކަށްތޯ ބަލައި ނިންމާނީ އެހީތެރިކަން ފޯރުކޮށްދޭ ގައުމުން ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.