ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން 24 އަހަރަށް ފަހު މިއަދުގެ ވަގުތެއްގައި އުތުރު ކޮރެއާއަށް ވަޑައިގަންނަވާނެ އެވެ. އޭނާ އެންމެ ފަހު އުތުރަށް ދަތުރެއް ކުރެއްވީ 2000 ވަނަ އަހަރު އެވެ.
ޕޫޓިން އުތުރު ކޮރެއާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި އުތުރު ކޮރެއާއަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވި އެވެ.
ރަޝިއާއަށް ދަތިކުރަން ނުފޫޒުގަދަ ގައުމުތަކުން އަޅާފައި ހުރި ފިޔަވަޅުތަކުން ރަޝިއާ ސަލާމަތްވުމުގައި އުތުރު ކޮރެއާގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށް ޕޫޓިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔުކްރޭންގައި ކާމިޔާބުކަމާ އެކު އަސްކަރީ އޮަޕަރޭޝަނެއް އުތުރު ކޮރެއާގެ އަސްކަރީ އެހީތެރިކަން ނުލިބުނު ނަމަ، ނުހިންގޭނެ ކަމަށެވެ.
އުތުރު ކޮރެއާއަށް ޕޫޓިން ކުރައްވާ މި ދަތުރަކީ މިދިއަޔަ އަހަރު އެ ގައުމުގެ ލީޑާރު ކިމް ޖޮން އުން ރަޝިއާއަށް ވަޑައިގެން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ޕޫޓިން ދެއްކެވި ވާހަކަތަކުގައި އުތުރު ކޮރެއާގެ ލީޑަރަށް ވަރަށް ބޮޑަށް ތައުރީފްވެސް ކުރެއްވި އެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިއާއިން އެހީތެރިވާނެ އެވެ. އަދި އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އުތުރު ކޮރެއާ އަށް ކުރާ ޕްރެޝަރާ ދެކޮޅަށް ރަޝިއާ ތެދުވާނެ އެވެ.
އުތުރު ކޮރެއާއަށް ކުރައްވާ މި ދަތުރުގައި ޕޫޓިންއާ ކިމް ޖޮން އުންގެ ހާއްސަ ބައްދަލުވުންތަކެއް އޮންނާނެ ކަމަށް ރަޝިއާގެ ތާސް ނޫހުން ބުނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި -- ދެ ގައުމުގެ މަސްލަހަތާ ގުޅުން ހުރި މަޝްވަރާތައް ކުރެވޭނެ ކަަމަށް ވެސް ބުންޏެވެ.
ރަޝިއާ އާއި އުތުރު ކޮރެއާއާ ގުޅިގެން މާލީ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. މި ނިޒާމުގައި ހުޅަނގގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އުތުރު ކޮރެއާ އާއި ރަޝިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް އަދި ހަރުދަނާކުރައްވާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ މައިދާނުގައި ރަޝިއާއަށް ހުރި ހުރިހާ ޝަރަފަކުން އުތުރު ކޮރެއާއަށް ބައިއަޅުއްވައި -- އިގުތިސާދީ އާއިލާތަކުން ހިއްސާ ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ތާސް ނޫސް ބުނާ ގޮތުން ޕޫޓިންގެ މި ދަތުރުގައި ވިއެޓްނާމަށްވެސް ވަޑައިގަންނަވާނެ އެވެ.