އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ފިނިބުރު ޖެއްސެވުމަށް -- ވަރަށް ރީތި އަދި އެހައި މޮޅު ކާރެއް -- ރަޝިއާގެ ރައީސް ލަޑިިމިއާ ޕޫޓިން ވެދުން ކުރައްވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކިމް ޖޮން އުން އަކީ ކާރަށް ވަރަށް ލޯބިކުރައްވާ ލީޑަރެކެވެ. އަދި ކާރު އެއްކުރެއްވުމަށްވެސް އެހާ ފޯރިނަންގަވާ ކަމަށް ވެއެވެ.
ކިމްގެ އަތްޕުޅުގައި މިހާރުވެސް ވަރަށް ގިނަ މަރުކާގެ ކާރުން ހުންނަ ކަމަށް ވެއެވެ. މީގެތެރޭގައި ޖަޕާނާއި އެމެރިކާ އަދި ޖަރުމަނުގައި އުފައްދާ އެންމެ އަގުބޮޑު ކާރުތައްވެސް ހިމެނެ އެވެ.
އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނައިރު މި ކާރުތައް ކިމް ހޯއްދަވާ ގޮތެއް ނޭނގެ އެވެ.
ރަޝިއާގެ ރައީސް ޕޫޓިންގެ ފަރާތުން ކިމްއަށް ދެއްވީ ކޮން މަރުކާގެ ކާރެއް ކަމެއް ހާމައެއް ނުކުރެ އެވެ. އެކަމަކު އެއީ ރަޝިއާގައި އުފައްދާ އެންމެ އަގުބޮޑު މަރުކާގެ ކާރެއް ކަމަށް ހަބަރުތައް ބުނެ އެވެ.
ކިމްއަށް ވެދުުކުރެއްވުމަށް މި ކާރު ހަވާލުކުރެއްވީ ރަޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ ސަފީރާ އެވެ. ނަމަވެސް މި ކާރު އުތުރު ކޮރެއާއަށް ގެންދާނެ ގޮތް އެމްބަސީން ހާމަކޮށްފައެއް ނުވެ އެވެ.
ކިމް ޖޮން އުން އަށް ވެދުންކުރެވުނު މި ކާރާ ގުޅިގެން -- ކިމްގެ ކޮއްކޮގެ ފަރާތުން ޕޫޓިންއަށް ވެދުމާއި ސަލާމް ދަންނައި މި ކާރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ހަރުދަނާކަން ސާބިތުކޮށްދޭ ސިއްކައެއް ކަމަށް ވިދާޅުވި އެވެ. އަދި ޕޫޓިންއަށް ދުޅަހެޔޮ ހަޔާތަކަށް އެދި ވަޑައިގެން ރަޝިއާއަށް ކާމިޔާބަށް އެދިވަޑައިގެންނެވި އެވެ.
އުތުރު ކޮރެއާ އަކީ އެމެރިކާއިން ދަތިކޮށްފައި އޮންނަ ގައުމެކެވެ. ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި، އެމެރިކާއާއި ބައިވެރިން އޮންނަނީ ރަޝިއާއަށް ވެސް ދަތިކޮށްފަ އެވެ.
މި ދެ ގައުމު އެއް ހާލަތަކަށް ފެތިފައި އޮތުމުން ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް ވަރުގަދަ އެކުވެރިކަމެއް އުފެދިފަ އެވެ. އަދި މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ސަރުކާރުން އެއްބަޔަކު އަނެއްބަޔަކާ ވަރަށް އަވަސް އަވަހަށް ބައްދަލުކޮށް ސައްލާކުރެ އެވެ.
ކިމް ޖޮން އުން ވަނީ މިދިޔަ ސެޕްޓެމްބަރުގައި ޕޫޓިންގެ ދައުވަތަށް ރަޝިއާއަށް ވަޑައިގެންފަ އެވެ. މި ދަތުރުގައި ރަޝިއާގެ ޖައްވީ ޕްރޮގްރާމާ ބެހޭ ވަރަށް ގިނަ މައުލޫމަތު އުތުރު ކޮރެއާ އިން ހޯދި އެވެ.