ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އުތުރު ކޮރެއާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން އުން ދެއްވި ދައުވަތެއް އޮތް ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.
ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ޕޫޓިން މިހާރު ދަތުރުހައްދަވަނީ އެވެ.
ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެިރކާއާއި ވިލާތުން ރަޝިއާއަށް އެޅި އިގުތިސާދީ އަދި ސަލާމަތީ ދަތިކުރުންތަކުގެ ސަބަބުން، ހުޅަނގު ދޫކޮށް ރަޝިއާ މިސްރާބު ޖެހީ ޗައިނާ އާއި އުތުރު ކޮރެއާ ފަދަ ގައުމުތަކާ ދިމާއަށެވެ. އެގޮތުން ރަޝިއާ އަކީ މިހާރު އުތުރު ކޮރެއާގެ ވަރަށް ގާތް އެކުވެރިއެކެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، ސެޕްޓެމްބަރު 2023 ގައި ރަޝިއާއަށް ކުރެއްވި ދަތުރަކީ މި ދެ ގައުމުގެ ގުޅުން ގާތްކަމުގެ މިސާލެކެވެ.
ރަޝިއާއަށް ވަޑައިގެން ކިން ވަނީ ޖައްވީ ހޯދުންތަކާއި އަދި ޖައްވުގައި ސްޓޭޝަނެއް -- ރަޝިއާ އާއި ގުޅިގެން ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ކިމް ޖޮން އުންގެ ރަޝިއާ ދަތުރާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ރައްކާތެރިކަމުގެ މަޝްވަރާތަކެއް ފެށި ވަނީ މަޝްރޫއުތަކެއް ފެށުމުގެ މަގުމަތީގަ އެވެ.
ޕޫޓިންގެ މި ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް ބެލެވެ އެވެ.
ރައީސް ޕޫޓިން އެންމެ ފަހުން އުތުރު ކޮރެއާއަށް ދަތުރެއް ކުރެއްވީ 2000 ވަނަ އަހަރު އެވެ. އޭރު އުތުރު ކޮރެއާގެ ލީޑަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ލީޑަރު ކިން ޖޮން އުންގެ ބައްޕަ، ކިމް ޖޮން ދެވަނަ އެވެ.