ޖަޕާންގެ އަސްކަރިއްޔާގައި ގައުމު ދިފާއުކުރުމުގެ ގާބިލުކަން ނެތް ކަމަށް އެ ގައުމުގެ ޗީފް އޮފް ސްޓާފް ޖެނެރަލް ޔޮޝިހިދޭ ޔޮޝީދާ ވިދާޅުވެއްޖެ އެވެ.
ޔޮޝިހިދޭ ޔޮޝީދާ ވިދާޅުވި ގޮތުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ އަނިޔާތަކުން ގައުމު ރައްކާތެރި ކުރުމުގައި -- އެކަނިމާއެކަނި ކުރެވޭނެ ކަމެއް ނެތެވެ.
ޖަޕާންގެ އަސްކަރިއްޔާ ޒަމާނަށް ނުފެތޭ ކަމަށް ވިދާޅުވެ ޗީފް އޮފް ސްޓާފް ވިދާޅުވި ގޮތުގައި އެ ގައުމަށް މިފަދަ ހާލަތެއް މެދުވެރިވީ ދުނިޔެއަށް ބޮޑު ކަމެއް ލައިނުގަންނާނެ ކަމަށް ބެލެވިފައި އޮތުމުންނެވެ.
ގައުމު ދިފާއުކޮށް ދިނުމަށް ބީރައްޓެހިންގެ ކިބައިން އެދުމަކީ މިހާރު ބަލައިގަނެވެން ނެތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަޕާންގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ސަރުކާރުން ތައްޔާރުކޮށް ހުރި ކަރުދާސްތަކަށް ގާނޫންހަދާ މަޖިލީހުން އެއްބާލުން ދިނުމަކީ މި ވަގުތަށް -- ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކުރާ ވަރުގެ ކަމެއް ކަމަށް ވެސް ޖެނެރަލް ވިދާޅުވި އެވެ.
ޔޮޝިހިދޭ ޔޮޝީދާ ވިދާޅުވީ ޖަޕާންގައި ހަތިޔާރު ހުންނާނެ ކަމަށް ބަޔަކަށް ގަބޫލުކުރެވުނު ނަމަވެސް، ޖަޕާން އަކީ ފަނާކުރަނިވި ވިސްނުންތަކަށް ރުހޭ ގައުމެއް ނޫން ކަމަށެވެ.
ޖަޕާންގައި ޒަމާނީ ހަތިޔާރު ނެތް ސަބަބަކީ ވެސް ބިނާކުރަނިވި ވިސްނުންތަކާ މެދު ޖަޕާން ސީރިއަސްވެފައި އޮތް ވަރުން ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި ދެނީ އެމެރިކާއިންނެވެ.
ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު -- މިއަދާ ހަމައަށް ވެސް ދުނިޔެ ފޯރާފައި މިއޮތީ ޖަޕާނަށް މާބޮޑު ގޮންޖެހުންތަކެއް މެދުވެރި ނުވެ އެވެ.
އެހެނެއް ކަމަކު، މިއަދު ފެންނަނީ ހަލަބޮލި ދުނިޔޭގައި ޖަޕާނުން ބަސްކިޔާ ތަނެވެ. ދުނިޔޭގައި މިހާރު އޮތް ސިޔާސީ އޮއިވަރުގައި ޖެހި ވަކި ކޮޅެއް ނަގައި ކެމްޕޭން ކުރާތީ ވެސް ފެނެ އެވެ.
ޖަޕާންގެ ހަރަކާތްތަކަށް ބަލާއިރު ގައުމުގެ މިސްރާބު ހުރީ ހުޅަނގާ ދިމާއަށެވެ. ސަރަހައްދީ މަސްލަހަތަށް ބެލުމެއް ނެތި އެމެރިކާ ބުނާހާ ކަމެއްގައި ބައިވެރިވުމަކީ ޖަޕާން އަމިއްލައަށް ހޯދާފައި އޮތް ނުރައްކަލެކެވެ.
އަވައްޓެރި ޗައިނާ އާއި އުތުރު ކޮރެއާގެ ވިސްނުމާ ދެކޮޅަށް ޖަޕާނާއި ދެކުނު ކޮރެއާއިން ދަނީ އެ ސަރަހައްދަށް އެމެރިކާގެ ބާރުތަކަށް ދައުވަތު ދެމުންނެވެ.
މިފަދަ މިސްރާބަކަށް ގައުމު ދުއްވަން ޖަޕާނުން އެދޭ ނަމަ ޒަމާނީ ހަތިޔާރު ހޯދުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.