ދުނިޔެ

އަސްކަރީ ގޮތުން އެމެރިކާއާ ކުރިމަތިލާން ތައްޔާރު: އުތުރު ކޮރެއާ

އެމެރިކާއާ އަސްކަރީ ގޮތުން ކުރިމަތިލާން މުޅިން ތައްޔާރު ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވެއްޖެ އެވެ. ރައްދު ހަމަލާއެއް ދޭން ޖެހުނަސް ތައްޔާރަށް ތިބުމަށް އަސްކަރިއްޔާއަށް އަންގާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުުތުރު ކޮރެއާ އަކީ ކިމް ވިދާޅުވި ގޮތުގައި ނިއުކްލިއާ ބާރެކެވެ. އެމެރިކާގެ ހަމަލާއަކަށް ހަމލާދިނުމުގައި ނިއުކްލިއާ ބާރުވެރިކަން ބޭނުންކުރަން ޖެހުނަސް އުތުރު އޮންނާނީ ތައްޔާރީ ހާލަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ ބުނާ ގޮުތުން އުތުރު އޮތީ ކޮންމެ ވަގުތެއްގައި ވެސް ނިއުކްލިއާ ޓެސްޓެއް ކުރެވޭ ފެންވަރުގަ އެވެ. މާނަ އަކީ 2017 އަށް ފަހު އަނެއްކާ ވެސް ނިއުކްލިއާ ޓެސްޓެއް ކުރުމަކީ އުތުރުން ކޮށްފާނެ ކަމެއް ކަމެވެ.

އަސްކަރިއްޔާ އޮންނާނީ ކޮންމެ ހާލަތަށް ވެސް ފެތޭ ގޮތަށް ކަމަށް ވިދާޅުވެ ކިމް ވިދާޅުވީ ވާސިލްވާން އެދިވަޑައިގަންނަވާ އަދި ހާސިލްކުރަން ޖެހޭ އަމާޒުތަކެއް އުތުރަށް އެބަ އޮތް ކަމަށެވެ.

ދެކުނު ކޮރެއާ ބުނާ ގޮތުން އުތުރާ ހެދި އޮތް ބިރު ވަރަށް ބޮޑެވެ. ނިއުކްލިއާ ހަތިޔާރަކީ ސަރަހައްދަށް މުހިންމު އެއްޗެއް ނޫން ކަމަށް ބުނެ ދެކުނުން ބުނީ ނިއުކްލިއާ ހަތިޔާރު ބޭނުންނުކޮށް ފަރުޖެއްސުމަށް މަޝްވަރާ މުހިންމު ކަމަށެެވެ.

އުތުރު ކޮރެއާ ބުނާ ގޮތުން ދެކުނާ އެކު މަޝްވަރާކުރަން އޮތް އެންމެ ބޮޑު ހުރަހަކީ ހުޅަނގާ މާބޮޑަށް ކައިރިވުމެވެ. ހުޅަނގަކީ ސަރަހައްދަށް މުހިންމު ބައެއް ނޫން ކަމަސް އުތުރުން ބުނި ނަމަވެސް ދެކުނުން ގެންނގުޅެނީ ހުޅަނގާ ވަރަށް ގާތް ގުޅުންތަކެކެވެ.

އުތުރުން ބުނާ ގޮތުން ދެކުނާ އެކު ގުޅުމެއް ގާއިމު ނުކުރެވިގެން އުޅެނީ ވެސް ހުޅަނގާ ހެދި އެވެ. އުތުރަކީ ދެކުނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ހުޅަނގުން ވިސްނައިދޭ ކަމަށް ވެސް އުތުރުން ބުނެ އެވެ.

ޖަޕާން ބުނާ ގޮތުން އުތުރު ކޮރެއާ އަކީ އެ ގައުމަށް ވެސް އޮތް ބިރެކެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ސަރަހައްދީ ބޮޑު ބާރު، ޗައިނާއިން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ޗައިނާ އާއި އުތުރަކީ އެއްތަށިމަތިން ކާ ދެ ގައުމެވެ. އެހެންކަމުން އުތުން ގިނަ ފަހަރު ހަދަނީ ޗައިނާ ބުނާ ގޮތެވެ.