ދުނިޔެ

ޖާސޫސީ ހަންތައް ނައްތާލާނެ ފަސޭހަ ގޮތެއް ޖަޕާނުން ހޯދަނީ

ޖަޕާންގެ ވައިގެ ސަރަހައްދަށް ވަންނަ ގޮތް ނޭނގޭ ހަންތަކާއި ޖާސޫސީ އުޅަނދު ކަމަށް ތުހުމަތުކުރެވޭ އުޅަނދުތައް، ވައިގެ ތެރޭގައި ނައްތާލާނެ ފަސޭހަ ގޮތެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ބުނެފި އެވެ.

ޖަޕާނުން މިހެން ބުނެފައި މިވަނީ ޖާސޫސީ ފުއްޕާ ހަމެއްގެ މައްސަލައިގައި ޗައިނާ އާއި އެމެރިކާ ރުޅިގަދަވެ ގަޔަށް އަތްލާވަރު ވެފައި ވަނިކޮށެވެ.

ޖަޕާންގެ ވައިގެ ސަރަހައްދަށް ފުއްޕާހަން ވަނުމަކީ އަބަދުވެސް ހިނގާ ކަމެއް ކަމަށް ދިފާއީ ވުޒާރާއިން ބުނެ އެވެ. މައިގަނޑު ގޮތެއްގައި ޝައްކުކުރެވެނީ އުތުރު ކޮރެއާ އަށާއި ޗައިނާއަށް ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.

އެހެންނަމަވެސް، ޑިޕްލޮމެޓިކް އުސޫލުތަކުން ހައްލެއް ހޯދުމަށް ވުރެ ގަވާއިދާ ޚިލާފަށް ވައިގެ ސަރަހައްދު ބޭނުންކޮށްފިނަމަ ދޭން އޮންނަ އަދަބު ދިނުން މާރަނގަޅުވާނެ ކަމަށްވެސް ޖަޕާނުން ބުނެ އެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާ އާލާތްތައް އުފެއްދި ނަމަވެސް، ޖަޕާން ބުނާ ގޮތުން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން އެއްވެސް އުޅަނދަކަށް -- އެއީ ފުއްޕާހަމެއް ކަމަށްވީ ނަމަވެސް، ހަމަލާއެއް ނުދޭނެ އެވެ.

ހަމަލާދޭން ޖެހެނީ ގައުމުގެ ދިފާއުގައި ކަމަށްވެސް ޖަޕާނުން ބުނެ އެވެ.

ސަރަހައްދީ މަސްލަހަތު ހޫނުވެފައި އޮތް މި ދަނޑިވަޅުގައި ޖަޕާނުން ވަނީ އަސްކަރިއްޔާ ބާރުގަދަކުރުމަށް ޒަމާނީ ހަތިޔާރު ހޯދަން ނިންމާފަ އެވެ.

އަސްކަރިއްޔާ ވަރުގަދަ ކުރުމަކި އަވައްޓެރިންނަށް ބިރަކަށް ނުވާނެ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް ދުޝްމަނުންގެ ކިބައިން ހަމަލާއެއް އަރާފާނެ ކަމަށް ތައްޔާރު ވަނީ ކަމަށްވެސް ޖަޕާން ވަނީ ބުނެފަ އެވެ.

ޗައިނާ އާއި ޓައިވާންއާ ދެމެދު އޮތް ގުޅުމަށް ރިއާޔަތްކޮށް ޖަޕާނުން ބުނީ ހަތިޔާރު ނުހޯދައި ފަރުޖެއްސެން ނެތީ ކަމަށެވެ. އަނެއްކޮޅުން ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ މަސްލަހަތު އޮތީވެސް ބޮޑު އަރާރުމަކާ ދިމާއަށް ކަމަށް ޖަޕާނުން ބުނެ އެވެ.