ޖަޕާނުގައި ބޮޑުވަޒީރުގެ މަގާމުގައި މިހާތަނަށް ހުންނެވި ފުމިއޯ ކިޝިދާ އިސްތިއުފާދެއްވުމާ ގުޅިގެން -- އާ ބޮޑުވަޒީރުގެ މަގާމަށް ޝިގެރޫ އިޝިބާ އައްޔަންކުރައްވައިފި އެވެ.
ޝިގެރޫ އިޝިބާ ބޮޑުވަޒީރުގެ މަގާމު ހަވާލުވެވަޑައިގަތުމުގެ ކުރިން ޖަޕާންގައި ވެރިކަންކުރާ ޕާޓީގެ ލީޑަރުގެ މަގާމަށް ވަނީ ހޮވިވަޑައިގެންފަ އެވެ.
ޖަޕާންގައި ބޮޑުވަޒީރުގެ މަގާމު އާންމުކޮށް ލިބެނީ ވެރިކަންކުރާ ޕާޓީގެ ލީޑަރަށެވެ. ވެރިކަންކުރާ ޕާޓީއަށް ލީޑަރަކު ހޮވުމަށް ޕާޓީގެ ތެރޭގައި އޮންނަ އިންތިޚާބުގައި އެ މީހަކަށް އަޣުލަބިއްޔަތު ލިބެން ޖެހެ އެވެ.
އިޝިބާ، 67، އަކީ ޖަޕާންގެ ކުރީގެ ދިފާއީ ވަޒީރެވެ. އޭނާގެ ޒައާމަތުގައި ޖަޕާންގައި އޮންނާނީ އަސްކަރީ މާހައުލެއް ކަމަށް ބެލެވެ އެވެ. ނަމަވެސް، މިއީ ވެރިކަމުގެ އަހަރުތަކުގައި އަމަލުކުރުމަށް އޭނާ ވައުދުވެވަޑައިގެންނެވި ކަމެއް ނޫނެވެ.
އިޝިބާ ވިދާޅުވި ގޮތުގައި ޖަޕާނަކީ ކޮރަޕްޝަން ނެތް ގައުމަކަށް ވާންޖެހެ އެވެ. ވެރިކަންކުރާ ޕާޓީއަށް ކޮރަޕްޝަނާ ގުޅުވައިގެން ކުރެވިފައި ހުރި ތުހުމަތުތައް ނައްތާލައި -- ވެރިކަންކުރާ ޕާޓީ އަކީ ހުރިހާ މާނައެއްގައި ވެސް ސާފު އަދި އަޚުލާގު ރަނގަޅު ޕާޓީއަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްކަރީ މަގާމުތަކެއް އަދާކުރެއްވި ނަމަވެސް، ޖަޕާންގެ އިގުތިސާދު ވާދަވެރިންނަށް ހިފަހައްޓައި ނުލެވޭ ވަރު ކުރެއްވުމަކީ ވެސް އާ ބޮޑުވަޒީރުގެ އުންމީދެކެވެ. އަދި ޗައިނާއާ ހެދި އެ ސަހަރައްދުގައި ފެތުރިފައި އޮތް އަސްކަރީ ބިރުވެރިކަން ނައްތާލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިޝިބާގެ ވެރިކަމުގައި އަސްކަރީ ގޮތުން އެމެރިކާއާ އެކު އޮންނަ ގުޅުން ދަމަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ. ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ފޯނުކުރައްވައި ވަނީ މި ވައުދު ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޖަޕާން އަކީ އޭޝިއާގައި -- ނޭޓޯގެ އޭޝިއާ ޖަމާއަތެއް އުފެއްދުމަށް ތާއީދުކުރާ ގައުމެކެވެ. ނޭޓޯ އަކީ ޔޫރަޕިއަން ޔޫނިއަންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ގައުުތަކުން ގުޅިގެން އުފައްދާފައި އޮތް އަސްކަރީ ޖަމާއަތެކެވެ.
އޭޝިއާގެ ރައްކާގެރިކަން ދެމެހެއްޓުމަށް ނޭޓޯ ކަހަލަ އަސްކަރީ ޖަމާއަތެއް އުފައްދާއިރު، ޖަޕާނާއި ދެކުނު ކޮރެއާ އަދި ފިލިޕިންސް އެއްގަލަކަށް އަރާނެ ކަމަށް ބެލެވެ. މި ގައުމުތަކަކީ މިހާރު ވެސް އެމެރިކާ ބުނާހާ ކަމެއް ކުރަން ތައްޔާރަށް ތިބި ގައުމުތަކެކެވެ.
ނަމަވެސް، މި ފަދަ ޖަމާއަތަށް އެންމެ ބޮޑު ހުރަކަށް ވާނީ ޗައިނާ އާއި އުތުރު ކޮރެއާ އެވެ. މިއީ ވަކި ބަޔަކަށް ބަރޯސާ ނުކޮށް މުޅި ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް ބުނާ ދެ ގައުމެވެ.