ދުނިޔެ

ފުކުޝިމާ ނިއުކްލިއާ ފެނުގެ މައްސަލާގައި ޖަޕާން އެމްބަސީއަށް ޗައިނާގައި ގާއުކައިފި

ޖަޕާންގެ ފުކުޝިމާ ނިއުކްލިއާ ރިއެކްޓަރުތަކުން ލީކުވެފައި ހުރި އެތައް މިލިއަން ޓަނެއްގެ ފެން ނައްތާލުމަށް ކަމަށް ބުނެ ޖަޕާނުން ވަނީ އެ ފެން ކަނޑަށް އަޅަން ނިންމައި އަމަލީ މަސައްކަތްތައް ފަށާފަ އެވެ.

ޖަޕާނުން ނިއުކްލިއާ ފެން އަޅާ ކަނޑަކީ އެ ސަރަހައްދުގެ ގައުމުތައް -- ޗައިނާ އާއި ދެކުނު ކޮރެއާ އަދި އުތުރު ކޮރެއާ ވެސް ހިއްސާ އޮންނަ ކަނޑެކެވެ. މި ގައުމުތަކުން ބުނާ ގޮތުން މި ގައުތަކުގެ މަސްވެރިން މަސްބާނާ ކަނޑަކަށް ނިއުކްލިއާ ފެން އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ޖަޕާންގެ މި އަމަލާ ގުޅިގެން ޗައިނާ އިން ވަނީ ޖަޕާނުގައި އުފައްދާ ސީފުޑްގެ އެއްވެސް ބާވަތެއް ޗައިނާއަށް އެތެރެކުރުން މަނާކޮށްފަ އެވެ.

ފުރަތަމަ ބުރުގައި ކަނޑަށް ގަންބަން ކަނޑައެޅި ފެން ތާންގީތައް ޖަޕާނުން ބޭރުކުރުމާ އެކު ޗައިނާގެ ހަރަކާތްތެރިން ވަނީ ޖަޕާނާ ދެކޮޅަށް އަޑުއުފުލަން ފަށާފަ އެވެ. އަދި ވެރިރަށް ބެއިޖީންގައި ހުންނަ ޖަޕާން އެމްބަސީ ދޮށަށް އެއްވެ ހަޑި ހުތުރު ބަސްތަކުން މުހާތަބުކޮށް ވަނީ އިމާރާތަށް ގާއުކާފަ އެވެ.

މިކަމާ ގުޅިގެން ޖަޕާނުން ވަނީ ޗައިނާގައި އުޅޭ އެ ގައުމުގެ މީހުން ބަލައިގެން އުޅުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި ދައުލަތް ތަމްސީލުކުރާ އިދާރާތަކުގެ ސެކިއުރިޓީ ވަރުގަދަކުރަންވެސް ވަނީ އަންގާފަ އެވެ.

ޖަޕާނުން ފުކުޝިމާ ނިއުކްލިއާ ފެން ބޭރުކުރަން ފެށުމާ އެކު ޖެއްސުން ކުރުމުގެ ކޯލްތައް ޖަޕާންގެ ވިޔަފާރިވެރިންނަށް ލިބެމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ. ޖަޕާންގެ އެމްބަސީއަށް ފޯނުކޮށް ސަފީރުންނަށް ފުރައްސާރަކުރާ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.

ޖަޕާނުން ނިއުކްލިއާ ފެން ކަނޑަށް އަޅަނީ ވަރަށް ބޮޑަށް ދިޔާކޮށްފަ އެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބުނާ ގޮތުން، ޖަޕާނުން ނިއުކްލިއާ ފެން ނައްތާލުމުގައި މިހާރު އަމަލުކުރަމުން ދަނީ ދުނިޔޭގައި އެކަން ކުރެވެން އޮތް އެންމެ ރައްކާތެރި ގޮތަށެވެ. އެއީ ކަނޑުގެ ދިރުންތަކަށް އަދި އިންސާނުންނަށް ވެސް އެންމެ ރައްކާތެރި ގޮތް ކަމަށް އެމެރިކާ އިން ވެސް ވަނީ ބުނެފަ އެވެ.

ޗައިނާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޖަޕާންގެ ބޮޑުވަޒީރު ފުނިއޯ ކިޝިދާ ވަނީ ޖަޕާންގެ ރައްޔިތުންނާ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޗައިނާގެ ކިބައިން އެދިފަ އެވެ.