ދުނިޔެ

ޔުކްރޭން ކުރިމަތީގައި ނޭޓޯ އޮތީ ފޭލިވެފައި: ނޭޓޯ

ނޭޓޯއިން ޔޫކްރޭނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ފޭލިވެއްޖެ ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވިދާޅުވެއްޖެ އެވެ.

ސްޓޮލްޓަންބާގް ވިދާޅުވި ގޮތުން ހުޅަނގުން ވައުދުވި މިންވަރާ ގާތަށްވެސް ޔުކްރޭނަށް ހަތިޔާރު ސަޕްލައި ނުކުރެވެ އެވެ. ޔުކްރޭނުގައި ހަތިޔާރު ނެތުމުގެ ސަބަބުން ރަޝިއާ ސިފައިން އެ ގައުމުގެ އަވަށްތަކަށް އަރައިގަތުމުގެ ބިރު ވަރަށް ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޭޓޯގެ މެމްބަރު ގައުމުތަކުން އެކަށީގެންވާ ވަރަށް އަސްކަރީ އެހީތެރިކަންވެސް ޔުކްރޭނަށް ނުލިބޭ ކަމަށެވެ.

ޔުކްރޭނަށް އެހީވާން ނޭޓޯ ގައުމުތަކުން ވައުދުވެފައި އޮތް ނަމަވެސް ރަޝިއާ ކަހަލަ އަސްކަރީ ގޮތުން ބާރުގަދަ ގައުމަކާ ވާދަކުރެވޭ ވަރަށް ހަތިޔާރު ސަޕްލައި ނުކުރެވޭ ކަމަށްވެސް ސްޓޮލްޓަންބާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާއިން އަސްކަރީ ބަޖެޓެއް ފާސްކުރަން ދިގު މުއްދަތެއް ނެގުމުގެ ސަބަބުން ޔުކްރޭނުން ވަނީ ގާތްގަނޑަކަށް ހަތިޔާރު ހުސްވެފައި ކަމަށެވެ.

ބައިޑަން ސަރުކާރުން ޔުކްރޭނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް 61 ބިލިއަން ޑޮލަރު މިހާރު ވަނީ ފާސްކޮށްފަ އެވެ. މި ބަޖެޓް ފާސްކުރަން ގާނޫނު ހަދާ މަޖިލީހުން އެހާ ދިގު މުއްދަތެއް ނެގި ސަބަބަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަމެވެ.

އެމެރިކާގައި މިހާރު އޮތް ޑިމޮކްރެޓިކް ސަރުކާރުން ފާސްކުރަން ހުށަހަޅާ އެޖެންޑާތަކަށް ރިޕަބްލިކަނުން ހުރަސްއެޅުމާއި ބަހުސް ދިގުދެންމުން ފަދަ ދަތިތައް ކުރިމަތިކުރުވުމުގެ ސަބަބުން ސަރުކާރަށް އޮންނަނީ ފުރިހަމަ ދުވެލީގައި ދުއްވައި ނުގަނެވިފަ އެވެ.

ސްޓޮލްޓަންބާގް ވިދާޅުވި ގޮތުން ޔުކްރޭނަށް މި އަހަރަކީ ހަތިޔާރުގެ ގޮތުން ތަނަވަސް އަހަރަކަށް ވާނެ އެވެ. އޭނާ އަދި ވިދާޅުވީ އިނގިރޭސިވިލާތުންނާއި ޔޫރަޕްގެ ބައިވެެރިންގެ ފަރާތުން ޔުކްރޭނަށް ވައިގެ ދިފާއީ ނިޒާމުތަކާއި ދުރު ރާސްތާ މިސައިލްވެސް ފޯރުކޮށްދޭނެ ކަމަށެވެ.