ޗައިނާ

އެމެރިކާ އާއި ނޭޓޯ ރަޝިއާ ދޮރުބުޑަށް ޖެހިގަތީމަ ވާނީ ތިޔަހެން: ޗައިނާ

ތިމަންނަމެން ވަރުގެ ބަޔަކު ނެތް ކަމަށް ދެކި ބާރުގަދަ ގައުމުތަކުގައި ޖެހިގަންނަން ހަދައިގެން އަތަށްގޮވާ ފަހަރުވެސް އަންނާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާ ޗަނިންގް ވިދާޅުވީ ޔުކްރޭންގައި މިހާރު އެހިނގާ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާ އާއި ނޭޓޯ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން އެމެރިކާ އާއި ނޭޓޯ ރަޝިއާ ދޮރުބުޑަށް ޖެހިގަތީމަ ވާނޭ ގޮތް މިހާރު ޔުކްރޭނުން އެފެންނަނީ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ރަޝިއާއާ އެހާ ގާތަށް އެމެރިކާ އާއި ނޭޓޯއިން އަސްކަރީ ބާރުތައް ޖަމާކުރުމާއި ފަނާކުރުވަނިވި ހަތިޔާރު ޖަމާކުރުމަކީ އެބައި މީހުން ރަޝިއާއާ އެކު ވެފައި އޮތް އެއްބަސްވުމާ ވެސް ޚިލާފު ކަމެއް ކަމަށެވެ.

ރަޝިއާ އަކީ ދުނިޔޭގެ ތިލަފަތުގައި ބަރުދަން ތަފާތު ގައުމެއް ނޫން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަތިޔާރާއި ނިއުކްލިއާ އަދި ޓެކްނޮލޮޖީ ހުރީ ހަމައެކަނި އެމެރިކާގައި ނޫން ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން އެމެރިކާ އަކީ ކުރާ ވައުދު ދަމަހައްޓަން ދަންނަ ބައެއް ނޫނެވެ. އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް ހަމަ އެނބުރިލާތަނުން ފުއްކިބައަށް ބަޑިޖެހުން ނޫން ކަމެއް އެމީހުން ނުދަނެ އެވެ.

އެމެރިކާ އާއި ނޭޓޯ ގުޅިގެން ޔުކްރޭނަށް ދީފައި އެއޮތީ ބޮޑު ލަނޑެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ޔުކްރޭން މިހާރު އޮތް ހާލަތަށް ބަލާއިރު، ހާލަތު ދެންވެސް ވާނީ ގޯސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭންގެ ދިފާއުގައި އެހެން ގައުމަކުން ރަޝިއާއަށް ހަމަލާދީފ ނަމަ، ދިފާއުގައި ރަޝިއާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ އަކީ ނިއުކްލިއާ ބާރެއް ކަމަށެވެ.