ރަޝިއާގެ ސަބަބުން އެމެރިކާ އެބުނާ ވަރުގެ ބިރުވެރިކަމެއް ޔުކްރޭނަށް ނެތް ކަމަށް ޗައިނާ ބުނެފި އެވެ. ޗައިނާ ބުނާ ގޮތުން އެމެރިކާ އާއި ބައިވެރިން ޔުކްރޭނަށް ދައްކަނީ ބިރު ކަމަށާއި ހަނގުރާމެއް ފެށިދާނެތީ ޔުކްރޭނަށް ވުރެ އެމެރިކާ ޖެހިލުންވާ ކަމަށެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވި ގޮތުން ރަޝިއާއޭ ކިޔައިންގެން ހުޅަނގުން ކުރާ ކަމަކީ ފެންބޮކި އެރުވުން ކަމަށާއި އެއިން ވެސް ރާޅުބާނީ އަރާ ކަމަށެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ނޭޓޯ ގައުމުތަކުން އަވަދިނެތި ހަނގުރާމައަކަށް ތައްޔާރުވަމުން ގެންދާއިރު ޔުކްރޭނަށް ވުރެ ދުނިޔެ މާބޮޑަށް ބިރުގަނެފައި އޮތް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ދުނިޔެ ހަމަނޭވާލާން ފުރުސަތު ނުދިނުމަކީ އެމެރިކާގެ ކަށީގައި ހިފާފައި ހުރި ގަބީލާ ޒަމާނުގެ އާދައެއް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޗައިނާ ފޮރިން މިނިސްޓްރީން ބުނި ގޮތުން ޔުކްރޭނަށް އަރާތިބެ ނޭޓޯ އޮފިޝަލުން ޔުކްރޭނަށް ބިރުދައްކާފައި ހުނުން ނޫން ކަމެއް ނުކުރާ ކަމަށެވެ. ތަރުޖަމާން ވިދާޅުވީ ޔުކްރޭންގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީއަށް ވެސް ހެޔޮ ބުއްދި ޖެހެން ވެއްޖެ ކަމަށެވެ.
ޗައިނާ ދުނިޔެއަށް ގޮވާލަނީ އެމެރިކާ އަޅުވާހާ އަނދުނެއް ކަމުދާ އެއްޗެއް ގޮތުގައި ނުބެލުމަށެވެ. އަދި އެމެރިކާ އާއި ހުޅަނގުން ފަތުރާ ދޮގު ޚަބަރުތަކުގެ ހަގީގަތް އާންމުންނަށް ސާފުކޮށްދިނުމަށެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމުގައި ޗައިނާ އޮތީ ރަޝިއާ ކޮޅަށެވެ. މިކަމާ ގުޅިގެން ވެސް ހުޅަނގުން ވަނީ ކަރުން ނާރުފުއްޕާ ވަރަށް އަޑުހަރުކޮށް ޗައިނާއަށް އެއްޗެހި ގޮވާފަ އެވެ.
އެމެރިކާ ބުނާ ގޮތުން ޔުކްރޭން ބޯޑަރަށް ރަޝިއާ ޖަމާކުރި އަސްކަރީ ފައުޖުތައް ބާލާނެ ކަމަށް ބުނެ ރަޝިއާ ހެދީ ދޮގު ކަމަށެވެ. އެ ސަރަހައްދުން އަދި އެކަކުވެސް ނުބާލާ ކަމަށް ޔުކްރޭން ވެސް މިހާރު ގަބޫލުކުރެ އެވެ.