އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ބެން ވެލަސް މަގާމޫ ދޫކޮށްލައްވާނެ ކަމަށް އިނގިރޭސި ނޫސްތަކުން ރިޕޯޓްކޮށްފި އެވެ. ދިފާއީ ވަޒީރުގެ މަގާމު ބެން ވެލަސްއަށް ލިބިވަޑައިގަތީ 2019 ގައެވެ.
ބެން ވެލަސް މަގާމު ދޫކޮށްލައްވާއިރު އިނގިރޭސި ކެބިނެޓަށް ބޮޑުވަޒީރު ރިޝީ ސުނަކް ބަދަލުތަކެއް ގެންނަން އުޅުއްވާ ވާހަކަތަކެއް ވެސް މިހާރު ދަނީ ފެތުރެމުންނެވެ.
އިނގިރޭސިވިލާތުން ޔުކްރޭނަށް ސަޕޯޓްކުރުމުގައި ވެލަސް އަކީ ގަދަ އަޑެކެވެ. ޔުކްރޭނަށް އެހީ ފުޅާކުރުމުގައި ވެސް ވެލަސްގެ ދައުރު ވަރަށް ބޮޑު ކަމަށް ޚަބަރުތައް ބުނެ އެވެ.
ވެލަސް ވަޒީރުކަން ދޫކޮށްލައްވާ ވަކި ސަބަބެއް ނޭނގެ އެވެ. ބޮޑުވަޒީރު ކެބިނެޓަށް ގެންނަވާ ބަދަލުތަކުގައި -- ވެލަސްއަށް ދައުރެއް ނެތީ ކަމަށް ބުނެވޭ ވާހަކަތަކަށް އޭނާ ރައްދެއް ނުދެއްވަ އެވެ. އެހެންނަމަވެސް، ބެން ވެލަސް އަކީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝަރުތު ފުރިހަވާ ބޭފުޅެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ޔެންސް ސްޓޮލްޓަންބާގް މުއްދަތު މިއަހަރުގެ ނިޔަލަށް ހަމަވާއިރު -- އެ މަގާމަށް އެހެން ބޭފުޅަކު ވަނީ ހޯދަން ޖެހިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބެން ވެލަސްއަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ދިނުމާ މެދު ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުންގެ މެދުގައި އޮތީ ޚިޔާލުތަފާތުވުން އުފެދިފަ އެވެ.
ސަބަބަކީ އިނގިރޭސިވިލާތަކީ މިހާރު ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ނުވުމެވެ.
ނޭޓޯ އަކީ ޔޫރަޕުގެ ދިފާއީ ޖަމާއަތެކެވެ. މިހެން ކަން އޮތުމުން މެމްބަރު ގައުމުތަކުން ބޭނުންވަނީ ޔޫރަޕްގެ ގައުމަކަށް ނިސްބަތްވާ މީހަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމު ލިބުމެވެ.
ބެން ވެލަސް އަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ލިބުމާއި ނުލިބުން ހާމަވެގެންދާނީ އިނގިރޭސި ދިފާއީ ވަޒީރުގެ މަގާމު ދޫކޮށްލައްވާ ފަހުންނެވެ.