ދުނިޔެ

ރަޝިއާގެ ނިއުކްލިއާ ހަކަތައަށް ދަތިކޮށްފިނަމަ ވީޓޯ ކުރާނަން: ހަންގޭރީ

ޔޫރަޕިއަން ޔޫނިއަނުން ރަޝިއާގެ ނިއުކްލިއާ ހަކަތައަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ އެ ގަރާރު ވީޓޯކުރައްވާނެ ކަމަށް ހަންގޭރީގެ ހާރިޖީ ވަޒީރު ޕީތަރު ސީއާރުތޯ ވިދާޅުވެއްޖެ އެވެ.

ސީއާރުތޯ ވިދާޅުވި ގޮތުގައި ރަޝިއާގެ ނިއުކްލިއާ ހަކަތަ ސިނާއަތުގައި ހަންގޭރީގެ ޝައުގުވެރިކަން އެބަ އޮތެވެ. ކަން މިހެން އޮތުމުން، ޔޫރަޕިއަން ޔޫނިއަނުން ރަޝިއާގެ ނިއުކްލިއާ ސިނާއަތަށް ބުރޫއަރުވައިފިނަމަ -- އެކަމާ ދެކޮޅަށް ހަންގޭރީ ތެދުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އދގެ އާންމު މަޖިލީހުގެ ހަވާސާގައި ވާހަކަދައްކަވަމުން ސީއާރުތޯ ވިދާޅުވީ، ރަޝިއާއަށް ދަތިކުރާނެ ގޮތެއް ނޭނގިގެން ޔޫރަޕިއަން ޔޫނިއަނުން ތެޅިފޮޅެނީ ކަމަށެވެ.

އދގެ އާންމު މަޖިލީހުގެ ސެޝަންތަކުގައި ބައިވެރިވުމަށް ހަންގޭރީގެ އޮފިޝަލުން އެމެރިކާއަށް ވަޑައިގަތުމުން -- ރަޝިއާގެ އޮފިޝަލުންނާ މުއާލަމާތް ނުކުރުމަށް ޔޫރަޕިއަން ޔޫނިއަނުންނާއި ނޭޓޯއިން އެންގި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އެއީ އެކަމަކު ބޮޑުވަރު ކަމަށް ސީއާރުތޯ ވިދާޅުވި އެވެ. ރަޝިއާއާ މުއާމަލާތް ނުކޮށް، ހަންގޭރީއަށް ބޭނުންވާ ހަކަތަ ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އަދި ރަޝިއާއާ މަޝްވަރާ ނުކޮށް އެއްވެސް ކަމަކަށް ސުލްހަވެރި ހައްލެއް ގެނެވޭނެ ކަމަށް ހަންގޭރީ ގަބޫލުނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އދގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ގައުމުތައް ނިއުޔޯކަށް ޖަމާވެ ތިބި ވަގުތަކީ ގައުމުތައް މަޝްވަރާކުރުމަށް ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މިފަދައިން ލިބެން ހުރި އެއްވެސް ފުރުސަތެއްގެ ބޭނުންހިފައި -- ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަނުން ސުލްހައިގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާއާ މުއާމަލާތް ނުކޮށް ގުޅުން ކަނޑާލުމަކީ ކޮންމެ ގައުމަކުން އެކަން ކުރި ނަމަވެސް، ކުރެވޭނެ ވަރަށް ދެރަ އަދި ފަހުން ހިތާމަކުރާނެ އަމަލަކަށް ވާނެ ކަމަށް ސީއާރުތޯ ވިދާޅުވި އެވެ.

ސީއާރުތޯ ވިދާޅުވި ގޮތުގައި ރަޝިއާގެ ސަފީރުން އަދި ވަޒީރުންނާ ވެސް ހަންގޭރީގެ އޮފިޝަލުން ބައްދަލުކުރައްވާނެ އެވެ. އަދި މައްސަލަތަކަށް ހައްލު ހޯދަން މަޝްވަރާކުރައްވާނެ އެވެ.