ދުނިޔެ

ރަޝިއާއާ ދެކޮޅަށް އީޔޫއިން އަޅާފައި ހުރި ފިޔަވަޅުތަކަށް ދުނިޔެ މަލާމާތްކުރޭ: ހަންގޭރީ

ޔުކްރޭނަށް އެހީތެރިވުމުގެ ނަމުގައި ޔޫރަޕް އަމިއްލައަށް ހަލާކުވަމުންދާ ކަމަށް ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީތަރު ސީއާރުތޯ ވިދާޅުވެއްޖެ އެވެ.

ރަޝިއާ، ޔުކްރޭން ހަމަނުޖެހުންތަކުގައި ހަނގުރާމައެއްގެ ސިފަޖެހުނީ ހުޅަނގުގެ ސަބަބުން ކަމަށް ސީއާރުތޯ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ބުއްދިވެރި ގޮތަކީ ޔުކްރޭން ހަނގުރާމަ މިހާރުން މިހާރަށް ނިންމާލުމެވެ.

ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތަކަށް ދުނިޔެ މަލާމާތްކުރާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ޔޫރަޕްގެ ދަތިކުރުން ތަކަކީ މޮޔައަކު ހަދާފައި އޮތް ޅެމެން އެހެން ބަޔަކު ލައްވައި ކިޔުއްވުން ކަހަލަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީތަރު ސީއާރުތޯ ވިދާޅުވި ގޮތުގައި ރަޝިއާއަށް ދަތިކުރަން ޔޫރަޕުން އެޅި ފަޔަވަޅުތަކުގެ ސަބަބުން ޔޫރަޕަށް އެއްވެސް ކަމެއް ހާސިލުވެފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރަޝިއާ މޮޅަށް ކުޅެ ކާމިޔާބު ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއާރުތޯ ވިދާޅުވީ ރަޝިއާ އޮތީ ޔޫރަޕްގެ ދަތިކުރުންތަކަށް ގުޑާ ވަރަށް ވުރެ ހަރުދަނާކޮށެވެ. ރަޝިއާއަށް ދަތިކުރުމަކީ ޔޫރަޕަށް ހެދިފައި އޮތް ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އެކަން ކުރި ބަޔަކު ވެސް ހޭނެ،" ސީއާރުތޯ ވިދާޅުވި އެވެ. "ޔޫރަޕަށް މަލާމާތްކޮށްފައި މުޅި ދުނިޔެ ހޭތަން އަޅުގަނޑުމެންނަށް އެބަ ފެނޭ" ހޮނިހިރު ދުވަހު އޮތް ސިޔާސީ ފެސްޓިވަލެއްގައި އޭނާ ވިދާޅުވި އެވެ.

ސީއާރުތޯ ވިދާޅުވި ގޮތުގައި، ބައްދަލުވުންތަކުގައި އަދި ޖަލްސާ މާލަންތަކުގައި ވާހަކަދެއްކުމުގައި -- ނުބައިކޮށް ހިނގާފައި ހުންނަ ކަންތައްތަކަށް މީހުން މިސާލު ޖަހަނީ -- "ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތައް ކަހަލަ ކަމެއް" ކަމަށް ބުނެ ކަމަށެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 2022 ގައި ޔުކްރޭނަށް އަރައިގަތް ފަހުން 11 ބުރަކަށް ޔޫރަޕުން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

މި ދަތިކުރުންތަކުގެ ސަބަބުން ރަޝިއާއަށް ފޫބައްދަން ދަތި ގެއްލުތަކެއް ލިބެމުންދާ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވި ނަމަވެސް، އިންޓަނޭޝަނަލް މަނީޓަރި ފަންޑު (އައިއެމްއެފް) އިން ލަފާކުރާ ގޮތުން ރަޝިއާގެ އިގުތިސާދު މިއަހަރު 0.7 ޕަސެންޓަށް ކުރިއަރާނެ އެވެ. ކުރިއަށް އޮތް 2024 ގައި 1.3 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވެސް އައިއެމްއެފް އިން ވަނީ ލަފާކޮށްފަ އެވެ.