ކުރިއަށް އޮތް ފިނި މޫސުމުގައި ޔޫރަޕަށް ހަކަތައިގެ ދަތިކަން -- ފާއިތުވި އަހަރަށް ވުރެ ބޮޑުވާނެ ކަމަށް ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީތަރު ސީއާރުތޯ ވިދާޅުވެއްޖެ އެެވެ. އޭނާ ވިދާޅުވި ގޮތުގައި ހަކަތައިގެ ސަޕްލައި މިހާރު އޮތް ގޮތަށް ދެމިއޮންނަން ވެއްޖެ ނަމަ އެކަން ވާނީ ޔޫރަޕަށް ބޮޑު ކާރިސާއަކަށް ކަމަށެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ވަނީ ހަކަތަ ލިބުން ބޮޑު ކަމަކަށް ވެފަ އެވެ. ރަޝިއާއަށް ދަތިކުރަން އެ ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަަބަބުން އެ ތަކުލީފު އުފުލަން ޖެހިފައި ވަނީ ވެސް ހަމަ އެބައި މީހުންނަށެވެ.
ހަންގޭރީ އަކީ ޔޫރަޕަށް އަދި ނޭޓޯއަށް ނިސްބަތްވާ ގައުމެއް ނަމަވެސް، ރަޝިއާއަށް ދަތިކުރަން ޔޫރަޕާއި ނޭޓޯއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހަންގޭރީ ބައިވެރިއެއް ނުވެ އެވެ.
އެހެން ނަމަވެސް، ހަންގޭރީއަށް ވެސް ވަނީ އެ ގައުމަށް ބޭނުންވާ ވަރަށް ހަކަތަ ހޯދުމުގައި ތަކުލީފުތަކެއް ކުރިމަތިވެފަ އެވެ. އަނެއްކޮޅުން ޔުކްރޭންގެ ތެރެއިން ހަންގޭރީއަށް ގޮސްފައި ހުރި ރަޝިއާ ތެޔޮހޮޅިތައް ޔުކްރޭނުން ބަންދުކުރުމުގެ ބިރުވެސް އެ ގައުމަށް އެބަ އޮތެވެ.
ރަޝިއާގެ ސެން ޕީޓާސްބާގްގައި މިހާރު ކުރިއަށްދާ "ސެން ޕީޓާސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމް" ގައި ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ޕީތަރު ސީއާރުތޯ ވިދާޅުވީ ހަކަތަ ލިބިގަތުން މަނާވެގަތުމަކީ މޮޔަ އަމަލެއް ކަމަށެވެ.
"ހަކަތަ ކަށަވަރުކުރުމަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅުވެން އޮތް ކަމެއް ނޫން،" ސީއާރުތޯ ވިދާޅުވި އެވެ. "އެއީ އިގުތިސޯދީ ފިޔަވަޅަކުން މަނާކުރެވިގެން ވާނެ ކަމެއް ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީތަރު ސީއާރުތޯ ވިދާޅުވި ގޮތުގައި ގައުމުތަށް ހިންގެން އޮތީ ބޭނުންވާ ވަރަށް ހަކަތަ ލިބިގެންނެވެ. އެއީ ރުޅިވެރިކަމާއި ނަފުރަތުގެ ސަބަބުން ހުއްޓުވިގެން ވާނެ ނިޒާމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމުތަކަށް ބޭނުންވާ މިފަދަ މުހިންމު ވަސީލަތެއް އެއްވެސް ގައުމަށް ހުއްޓުވިގެން ނުވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ހަންގޭރީއަށް ބޭނުންވާ ހަކަތަ ހޯދުމަށް ޓަކައި ބޫދަޕެސްޓުން މޮސްކޯއާ އެކު ހަރުދަނާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ފިނި މޫސުމަށް ގައުމަށް ބޭނުންވާ ހަކަތަ ކަށަވަރުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީތަރު ސީއާރުތޯ ދެކެވަޑައިގަންނަވާ ގޮތުގައި ޔޫރަޕްގެ ގައުމުތަކުން ގޮތް ދޫނުކޮށް ރަޝިއާއިން ތެޔޮ ގަތުން މަނާވެގެން ތިބި ނަމަ އަންނަ ފިނި މޫސުން -- ފާއިތުވި އަހަރަށް ވުރެ ހާލު ބޮޑުވާނެ އެވެ.