ދުނިޔެ

ރަޝިއާއަށް ވިސާ ލުއިކޮށްދިނުން ޔޫރަޕުން ހުއްޓާލަނީ

ރަޝިއާގެ އާންމު ރައްޔިތުން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމުގައި ވިސާ ހޯދުން ފަސޭހަ ކުރުމަށް ރަޝިއާ އާއެކު ވެފައި އޮތް އެއްބަސްވުން އުވާލަން ޔޫރަޕްގެ އިއްތިހާދުން ނިންމައިފި އެވެ.

ވިސާ އެއްބަސްވުން އުވާލުމުން ޔޫރަޕްގެ ބައެއް ގައުމުތަކަށް ދަތުރުކުރުމުގައި ރަޝިއާގެ އާންމު ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

އީޔޫގެ ފޮރިން ޕޮލިސީ އޮފިޝަލް، ޖޯސެފް ބޮރެލް ވިދާޅުވި ގޮތުގައި ވިސާ ހޯދުމުގައި ރަޝިއާއަށް ލުއި ނުދިނުމަށް ޔޫރަޕްގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ އެއްބަސްވެފަ އެވެ.

ބޮރެލް ޓްވީޓް ކުރައްވައި ވިދާޅުވި ގޮތުގައި ރަޝިއާ މީހުން މާ ގިނައިން އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ މީހުން ޔުރަޕްގެ ގައުމުތަކަށް އެހާ ގިނައި އެރުމަކީ ރައްތެރި ކަމެއް ނޫން ކަމަށެވެ.

ބޮރެލް ވިދާޅުވި ގޮތުގައި އީޔޫ-ރަޝިއާ ވިސާ ހޯދުން ފަސޭހަކޮށް ނުދޭން ފޮރިން މިނިސްޓަރުން ނިންމި ސަބަބަކީ ރައްކާތެރި ކަމުގެ ގޮތުން އޮތް ބުރުވެރިކަމެވެ.

ޔޫރަޕުން ރަޝިއާއާްށް ވިސާލު ލުއިކޮށް ނުދޭން މަޝްވަރާކުރި ނަމަވެސް ސިޔާސީ ފެންވަރުގައި އަދި އެ ސިޔާސަތަށް އަމަލުކުރާކަށް ނުފަށަ އެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ދުވަހެއް ވެސް ޔޫރަޕުގެ އިއްތިހާދުން އަދި ނުނިންމަ އެވެ.

ރަޝިއާއަށް ވިސާ ދަތިކުރުމަކީ މުޅި ޔޫރަޕުން ރުހޭ ކަމެއް ނޫނެވެ. ރަޝިއާގެ އާންމު ރައްޔިތުންނަށް އެހާ ބޮޑަށް ދަތިކޮށް ޔޫރަޕުގެ ގައުމުތަކަށް އެއްގޮތަކަށް ނޭރޭ ގޮތް ހެދުމާ މެދު ޔޫރަޕްގެ އިއްތިހާދުގައި ވެސް ނުތަނަވަސްކަން އޮތީ އުފެދިފަ އެވެ.

އެހެން ނަމަވެސް ހަންގޭރީ ފަދަ ގައުމުތަކުން ބޭނުން ވަނީ ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރޭގައި ވިސާ ވެސް ހިމަނާށެވެ.

ޔޫރަޕްގެ ގައުމުތަކުގެ މެދުގައި އެންމެ ފުރަތަމަ މި ޚިޔާޅު ފާޅުކުރެއްވި ފޮރިން މިނިސްޓަރުންގެ ތެރޭގައި ހަންގޭރީގެ ފޮރިން މިނިސްޓަރު ވިޕީތަރު ސީއާރުތޯ ހިމެނެ އެވެ.

ޔޫރަޕުން ރަޝިއާއަށް ވިސާ ދަތިކުރަނީ ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެންނެވެ.