ދުނިޔެ

ޓްރަމްޕް ސަރުކާރުން ޑޮލަރު ބޭނުންނުކުރާ ގައުމުތަކަށް ދަތިކުރަން ވިސްނަނީ

އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ކެންޑިޑޭޓެއް ގޮތުގައި ވާދަކުރައްވާނެ ކަމަށް އަދި ބެލެވެނީ ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާއަށް ވެރިކަން ލިބިއްޖެނަމަ ސަރުކާރު ހިންގާނެ ގޮތްތަކާ ބެހޭ ގޮތުން ރޭވުންތައް ރާވައި ސައްލާތައް ދަނީ ކުރެވެމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެމެރިކާގެ ޑޮލަރު ބޭނުންކުރަން އިންކާރު ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަން ވަނީ ހުށަހަޅާފަ އެވެ. މިގޮތުން ދަތިކުރާ ގައުމުތަކުގެ ތެރޭގައި "ބްރިކްސް" ޖަމާއަތަށް ނިސްބަތްވާ ގައުމުތައް ހިމެނެ އެވެ.

ބްރިކްސް އަކީ ޗައިނާގެ އިސްނެގުމާ އެކު -- ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާއިން މައިގަނޑު ދައުރެއް އަދާކުރާ އިގުތިސާދީ ޖަމާއަތެކެވެ.

މި ޖަމާއަތުގައި އީރާނާއި ސައޫދީ އަރަބިއްޔާވެސް ހިމެނެ އެވެ. މީގެ އިތުރުން އެހެން ބައެއް ގައުމުތައްވެސް ބްރިކްސްގައި މިހާރު ވަނީ ބައިވެރިވެފަ އެވެ.

ބްރިކްސް ޖަމާއަތުގެ އެއްވިސްނުމަކީ އެމެރިކާ ޑޮލަރަށް ބަރޯސާކުރުން ދޫކޮށްލައި، މި ޖަމާއަތަށް ނިސްބަތްވާ ގައުމުތަކަށް އެއްބަސްވެވޭ ފައިސާއެއް -- ނުވަތަ ފައިސާތަކެއް ގައުމުތަކުގެ މެދުގައި ބޭނުންކުރުމެވެ. މި އުސޫލުން މިހާރުވެސް ޗައިނާގެ ފައިސާ، ޔުއާން އަދި ރަޝިއާގެ ރޫބެލް ބޭނުންކުރެވެ އެވެ.

އެމެރިކާ ޑޮލަރު ދުނިޔެ ގަބޫލުކުރާ ފައިސާއެއް ގޮތުގައި ހިންގުމަކީ އެމެރިކާއަށް އިގުތިސާދީ ގޮތުން ލިބޭ ވަރަށް ބޮޑު ފައިދާ އެކެވެ. ޑޮލަރު ބޭނުންކުރުން ގައުމުތަކަކުން ހުއްޓާލައިފިނަމަ އޭގެ ނޭދެވޭ އަސަރު އެމެރިކާގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރާނެ އެވެ.

އެމެރިކާގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ކުރި ނަމަވެސް އެއީ އެމެރިކާ ސަރުކާރު ހިންގަން ތިބޭ ބައެއްގެ އަމަލުތައް ހުންނަ ގޮތުން އަންނަ ބަދަލުތަކެކެވެ.

ޗައިނާ އަށާއި ރަޝިއާއަށް ދަތިކުރަން އެމެރިކާ ކުރާ މަސައްކަތްތަކުގައިވެސް އެމެރިކާގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރު ވަކި ކުޑައެއް ނޫނެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން އެމެރިކާއާ ބައިވެރިން، ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުންވެސް އެމެރިކާ ޑޮލަރު ދޫކޮށްލަން ގިނަ ގައުމުތަކަކުން ވަނީ ނިންމާފަ އެވެ.

ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކޮށް އަދި ގައުމުތަކުގައި ހުރި ރަޝިއާއަށް ލިބެން ޖެހޭ ފައިސާތައް ހިފެހެއްޓުމުގެ ސަބަބުން އާޚިރުގައި އެމެރިކާއަށް އޮތީ ނުރައްކަލެކެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެން މިފަދަ ފިޔަވަޅެއް އެޅުއްވުމުގެ ކުރިން އިގުތިސާދީ ގޮތުން ހުރި މިފަދަ މަޅިތަކުން ރެކޭނެ ގޮތްތަކެއް ގައުމުތަކުން ހޯދާނެކަން ކަށަވަރެވެ.